އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައި ކޮމިޓީ މަރުހަލާގައި އޮތް ބިލުގެ މަސައްކަތް ލަސްވާ ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
އިޒުރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލު ބަލައިގަނެ، މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބިލުގެ މަސައްކަތް ފަށާފައި އޭގެ 5 މަސް ދުވަސް ފަހުން މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ހިޔާލު ހޯދުމަށް 241 ކޮމިޓީގެ ބައްދަލުވުންތަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގެ ބޭފުޅުން ހާޒިރު ވެސް ކުރި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ މަސައްކަތް ފެބްރުއަރީ މަހުގެ ނިޔަލަށް ދިގުދަންމާލުމަށް ފުރަތަމަ ނިންމި ނަމަވެސް ކޮމިޓީން ފަހުން ވަނީ ބުނެފައި ވަނީ މަސައްކަތް ކުރަމުން ދަނީ ބިލުގެ މަސައްކަތް އަވަސް ކުރުމަށް ކަމަށެވެ. ބިލާ ގުޅިގެން ބޭނުންވާ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކުން ހޯދުމުގެ އިތުރުން ސިޔާސީ ޕާޓީތަކާއި މުއައްސަސާތަކުގެ ބަސް ހޯދުމަށް ވެސް ކޮމިޓީން ފާސްކޮށްފައިވެ އެވެ.
އެހެންނަމަވެސް މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ހުށަހެޅި ބިލުގެ މަސައްކަތް މަޑުޖެހި އަދިވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ.
މައުރޫފް ހުށަހެޅުއްވި މައްސަލަ އާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ ހުށަހެޅި މައްސަލައިގައި ކުއްލި މައްސަލައެއްގައި ހަމަވާން ޖެހޭ ޝަރުތުތައް ހަމަނުވާ ކަމަށެވެ. ވުމާ އެކު މައުރޫފް ހުށަހެޅުއްވި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މަޖިލިހުގެ ގަވާއިދުގެ ދަށުން ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރުކުރާ ފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެ ކަމެއް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށާއި ސަރުކާރުން އެ ކަމާ މެދު އަޅާފައިވާ ނުވަތަ އަޅާފައި ނުވާ ފިޔަވަޅަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައަކަށް ވާން ވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމުގަ އެވެ.
އަދި ކުއްލި މައްސަލައަކީ ހުށަހެޅިފައިވާ ބިލެއް ނުވަތަ މައްސަލައެއްގައި ހިނގާނެ ބަހުސާ ގުޅޭ މައުލޫއަކަށް ނުވުމަކީ ކުއްލި މައްސަލައެއްގައި ފުރިހަމަވާން ޖެހޭނެ ސިފައެއް ކަމަށް މަޖިލިހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާކަން ވެސް ނާޒިމް ފާހަގަކުރެއްވި އެވެ.
މީކާއީލް ބިލު ހުށަހެޅުއްވި ފަހުން، މިދިޔަ ޖޫން މަހުގެ ދެ ވަނަ ދުވަހު ވަޒީރުންގެ މަޖިލިހުގެ މަޝްވަރާ އާއި ލަފާގެ މަތިން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި އެވެ.
އެފަހުން އެޓާނީ ޖެެނެރަލް އަހުމަދު އުޝާމް ވިދާޅުވެފައި ވަނީ އިޒްރޭލް ޕާސްޕޯޓް އޮތް އެންމެނަށް ޖުމްލަ މާނައެއް ދިނުމުގެ ބަދަލުގައި ބިލުގައި އޮތް ގޮތް ބަދަލު ކުރުމާ މެދު ވިސްނައި ދިރާސާ ކުރަން ޖެހޭ ކަމަށެވެ.