އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކަން އަންގައި މޯލްޑިވްސް އިމިގްރޭޝަނުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލު މަޖިލިހަށް ހުށަހަޅާފައި ވަނީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު އެވެ.
ބިލުގެ މަސައްކަތް އޭގެ ފަސް މަސް ދުވަސް ފަހުން މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ފެށި ނަމަވެސް ކޮމިޓީ މަރުހަލާގައި އޮތީ މަޑުޖެހިފަ އެވެ. މަސައްކަތް އަލުން ފަށާފައި ވަނީ ހޯމަ ދުވަހު އެވެ.
އެ ދުވަހުގެ މެންދުުރުފަހު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ކޮންގްރެސް ޕާޓީގެ ޕީޖީގެ ނައިބު ލީޑަރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ހުށަހެޅުއްވީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.
އޭނާގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ވިލިމާލެ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު މުހައްމަދު އިސްމާއީލެވެ. އެގޮތަށް ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލިހުގެ އިއްޔެގެ ޖަލްސާއަށް ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅި އެވެ. ބިލު ފާސްކޮށްފައި ވަނީ އިތުރު ބަދަލެއް ނުގެނެސް 83 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
އިމިގްރޭޝަނުގެ ގާނޫނަށް ގެނައި އިސްލާހު މަޖިލިހުން ފާސްކުރުމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލު ތަސްދީގުކުރައްވާފަ އެވެ. ގާނޫނަށް ގެނައި ބަދަލު ގެޒެޓުކޮށްފައިވާއިރު، އިއްޔެއިން ފެށިގެން އިޒްރޭލުގެ ޕާސްޕޯޓުގައި އެ ގައުމުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން ވަނީ މަނާވެފަ އެވެ.
އެކަމާ ގުޅިގެން ރޭ އިމިގްރޭޝަނުން ވަނީ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފަ އެވެ.
އެޑްވައިޒަރީގައި ބުނީ އިމިގްރޭޝަނުގެ ގާނޫނަށް ގެނައި ތިން ވަނަ އިސްލާހުގެ ދަށުން އިއްޔެއިން ފެށިގެން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުމަކީ މަނާކަމެއް ކަމަށެވެ.
މީކާއިލް ބިލު ހުށަހެޅުއްވިއިރު އޮތީ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުން ހިމެނޭ ގޮތަށް އިޒްރޭލުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުން މަނާ ކުރާ ގޮތަށް ހެދުމަށެވެ.
ބިލުގައިވާ ގޮތަށް ޑުއަލް ސިޓިޒަންޝިޕްގައި ރާއްޖެ އަންނަ މީހުން ދެނެގަތުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އިމިގްރޭޝަނުން އިސްލާހެއް ހުށަހެޅި އެވެ. އެއީ އިޒްރޭލު ޕާސްޕޯޓުގައި އަންނަ މީހުންނަށް އެކަނި ރާއްޖެ އެތެރެނުވެވޭނެ ގޮތް ހެދުމަށެވެ. ބިލުން އެ ނުކުތާ އުނިކޮށް، ކޮމިޓީން ފާސްކުރީ އިމިގްރޭޝަނުން އެދިފައިވާ ގޮތަށެވެ.