އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން މުޅި ޣައްޒާ ހިފާ، ކޮންޓްރޯލް ނެގުމަށް ރާވާފައިވާ ރޭވުން، ރައީސް ޑރ. މުހައްމަދު މުއިއްޒު، އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.
އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި “އެކްސް” ގައި އިއްޔެ ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެފަދަ އެއްވެސް އަމަލަކީ އިންސާނިއްޔަތުކަމާ ބެހޭ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށާއި، ހަމަ އެހެންމެ، އެއީ، ފަލަސްތީނުގެ ރައްޔިތުންނަށް އޮތް “ރައިޓް ޓު ސެލްފް-ޑިޓާމިނޭޝަން” ނުވަތަ މިނިވަންކަމާއެކު ސިޔާސީ ދަރަޖަ ދެނެގަނެ، އިގްތިސާދީ، އިޖްތިމާއީ އަދި ސަގާފީ ކުރިއެރުމަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ހައްގަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ.
އެކަމުގެ ސަބަބުން، ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅުމަށް އޮތް ތަކުލީފުތައް އިތުރަށް ބޮޑުވެ، ދެމެހެއްޓެނިވި ސުލްހައާއި ސަރަޙައްދީ ހަމަޖެހުމަށްވެސް ނުރައްކާވެގެންދާނެކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ، ފަލަސްތީނުގެ ރައްޔިތުންނަށް އަބަދުވެސް ދިވެހިރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ގައްޒާއަށް ވެރިވެގަތުމަށް، ނުވަތަ ފަލަސްތީނުގެ ބާރުވެރިކަމާއި އިސްތިގްލާލަށް އުނިކަން ގެނައުމަށް ކުރާ މަސައްކަތްތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން، އިޒްރޭލުގެ ރޭވުންތައް ތަންފީޒުވިޔަނުދީ އެކަން ހުއްޓުވައި، ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރިކަމަށް ނިމުން ގެނެސް، ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި ހިންގާ ހުރިހާ ނުބައި އަމަލުތަކަށް ޖަވާބުދާރީކުރުވުން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މުޖުތަމައުން ހަރުދަނާ، އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން އިލްތިމާސްކުރާ ކަމުގައިވެސް ރައީސްގެ ޕޯސްޓުގައި ހާމަކުރައްވާފައިވެ އެވެ.