
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުގައި ހުންނެވި ޑރ. ޒާހިރު ހުސެއިން އިސްތިއުފާ ދެއްވައިފި އެވެ.
ޒާހިރު އިސްތިއުފާ ދެއްވިކަން މިއަދު ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އޭގެ ސަބަބެއް ހާމަައެއް ނުކުރެ އެވެ.
އިސްތިއުފާ ދެއްވުމަށް ފަހު ޒާހިރު މިއަދު ވަނީ ރައީސް އޮފީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުވެސް ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ޒާހިރު ކޮށްދެއްވި ހިދުމަތަށް ތައުރީފްކުރައްވައިފަ އެވެ.
އެގޮތުން ޒާހިރުއަކީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީއަށް ވަރަށް އިހުލާސްތެރިކަމާއެކުގައި މިންނަތް މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދި ސަރުކާރުން ކުރިން ކުރިއަށް ގެންދިޔަ އަސާސީ ތައުލީމުގެ މަޝްރޫއު ހިންގަވައިދެއްވުމުގައްޔާއި، ރާއްޖޭގެ އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތަކާއި، އަތޮޅު މަދަރުސާތައް ބިނާކުރައްވައި، ތަޢުލީމީ ރޮނގުން ރަށްރަށުގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ކުރެއްވި ހީވާގި މަސައްކަތްޕުޅުތަކަކީވެސް، ތައުރީފް ހައްގު މަސައްކަތްޕުޅުތަކެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
ޒާހިރު ހުސެއިން ވަނީ 49 އަހަރާއި 9 މަސް ދުވަހު ދައުލަތަށް ހިދުމަތް ކުރައްވައި އަދި ތައުލީމީ ދާއިރާގައި 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިފަ އެވެ.
ސަރުކާރުން ޒާހިރުއަށް ވަނީ ދައުލަތުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު ވެސް 2008 ވަނަ އަހަރު ވަނީ އަރުވައިފައިފަ އެވެ.. އަދި ރާއްޖޭގެ ތަޢުލީމަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު މިދިޔަ އަހަރު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު އޭނާއަށް އެރުވި އެވެ.

