އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރުން ރާއްޖެއިން ކުށްވެރިކޮށްފި އެެވެ.
އިސްރާއީލުން މުޅި ޣައްޒާ ކޮންޓްރޯލް ކުރަން ގެންގުޅޭ ސިޔާސަތުގެ ދަށުން، ޣައްޒާއަށް އެއްގަމުމަގުން ދޭ ހަމަލާތައް އިތުރަށް މިހާރު ވަނީ ވަރުގަދަކޮށްފައެވެ.
އެހެން އެކަން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު ބަޔާނުގައި ބުނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުގެ އެފަދަ އަމަލުތަކުގެ ސަބަބުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ހޫނުވެ، މިހާރުވެސް ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވާނެ ކަމަށެވެ.
އެހެންވެ އިސްރާއީލުން ކެނޑިނޭޅި ޣައްޒާގެ ކުށެއްނެތް އާއްމު ރައްޔިތުންނަށް ކުރިމަތިކުރުވާ ދަތިތަކާއި، ތަހައްމަލުކުރަމުންދާ ވޭންދެނިވި އަނިޔާ އިތުރަށް ފުޅާވިޔަނުދީ ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އިސްރާއީލަށް މަޖުބޫރު ކުރުމަށާއި، ގައުމުތަކުން އެކުވެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ގޮވާލި އެވެ.
“އަދި އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމަށްވެސް ގޮވާލަމެވެ. ބައިނަލްއަގުވާމީ ގާނޫނުތަކުގެ އަސާސީ އުސޫލުތަކާ ހިލާފަށް އަދި އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކެނޑިނޭޅި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ އަޅާނުލާ ދޫކޮށްލެވިގެންވާނެފަދަ އަމަލުތަކެއް ނޫން ކަމަށް ދިވެހި ސަރުކާރުން ދެކެމެވެ.” ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނެ ކަމަށެވެ.
އަދި އެ ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭކަމަށް ވެސް ބުންޏެވެ.