މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލް (21އ) އިތުރު 20 ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ހ. މިޓާޒު ގޭގެ ފުރާޅުމަތީގައި ޔުމްނު އޮއްވާ ފެނިފައި ވަނީ އެޕްރީލު މަހުގެ 18 ވީ ހުކުރު ދުވަހުގެ ހެނދުނު އެވެ. ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި ވަނީ ޖެހިގެން ހުރި ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ވެއްޓުމުގެ ކުރިން، ފެންޓެނޯއީގޭގެ ސިޑިމަތީގައި ރައުދު އާއެކު އުޅުނު ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
މައްސަލަ އާ ގުޅިގެން ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.
ފުލުހުން ފުރަތަމަ ބުނެފައިވާ ގޮތުގައި ޔުމްނު ވެއްޓުމުގައި ރައުދު ނުވަތަ އެހެން މީހެއްގެ ބައިވެރިވުން ނެތް ކަމުގަ އެވެ. އެހެންނަމަވެސް އަލުން ރައުދު ހައްޔަރުކޮށްފައި ވަނީ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ދެމުން ނުދާކަން ފާހަަގަކޮށެވެ.
އޭނާގެ ބަންދަށް ފުރަތަމަ ދިން ފަސް ދުވަހުގެ މުއްދަތު ހަމަވީ އެޕްރީލް 30 ވަަނަ ދުވަހު އެވެ. އެ ދުވަހު ބަންދަށް އިތުރުކުރި 10 ދުވަސް ހަމަވުމާ އެކު، އިތުރު ފަސް ދުވަހަށް ބަންދު ކުރަން މި މަހުގެ 10 ވަނަ ދުވަހު ވަނީ އަމުރުކޮށްފަ އެވެ.
ރައުދުގެ ބަންދުގެ މުއްދަތު އިތުރު ކުރަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 20 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ހަތަރު ވަނަ ފަހަރެވެ.
ރައުދުގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރި ފުރަތަމަ ކޯޓު އަމުރުގައިވާ ގޮތުން ފެންޓެނޯއީގޭގައި އުޅުމުގެ ތެރޭގައި ޔުމްނު އާއި ރައުދު އާ ދެެމެދު “ހަމަނުޖެހުމެއް” ހިނގި އެވެ. އެކަމަކު އެއީ ކޮންކަމަކާ ގުޅިގެން ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.
ޔުމްނު ވެއްޓުނު ރޭ މއ. މާންދޫގޭދެކުނުގެއަށް ދިޔަ އެވެ. އެ ގެއަށް ދިޔަ މީހުންނާއި އޭނާ އާއެކު އުޅުނު މީހުން ދެނެގަނެ، އެ މީހުންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.