މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ވަގުތެއްގައި ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލު (21އ) އިތުރު 10 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި އެވެ.
ފެންޓެނޯއީގޭގެ 9 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮތްވާ ފެނިފައި ވަނީ 18 ވަނަ ދުވަހުގެ ހެނދުނު އެވެ. އޭނާ ވެއްޓުނުއިރު، ފެންޓެނޯއީގޭގެ ސިޑިމަތީގައި ރައުދު އާއެކު އުޅުނު ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
މައްސަލަ އާ ގުޅިގެން ފުލުހުން ރައުދު ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އޭނާގެ ބަންދަށް ފުރަތަމަ ދިން ފަސް ދުވަސް ހަމަވުމުން ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ.
ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އިތުރު 10 ދުވަހު ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
އިމާރާތުން ޒުވާނާ ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ ކުރެވޭ އިހުތިޖާޖުތަކުގައި ވެސް ބައިވެރިވަމުންނެވެ.