މާލޭގެ ހެންވޭރުގައި ހުންނަ ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލަ އާ ގުޅިގެން އޭނާ އާއެކު އެ ރޭ އެންމެފަހުން އުޅުނު ރައުދު އަހްމަދު ޒިލާލް (21އ) ތަހުގީގަށް އެއްބާރުލުން ނުދޭތީ ހައްޔަރުކުުރުމުގެ އަމުރަކަށް އެދިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮތްވާ ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އޭނާގެ ހާލު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު، މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ.
އިމާރާތުން ޒުވާނާ ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު މަޖީދީ މަގުގައި ހުންނަ ފުލުހުންގެ ސާޖެންޓް އާދަމް ހަލީމް ބިލްޑިން ކުރިމަތީގައި ރޭ ވަނީ އިހުތިޖާޖުކޮށްފަ އެވެ.
މައްސަލައިގެ ތަހުގީގުގެ މައުލޫމާތު ދިނުމަށް އިސްކަންދަރު ބިލްޑިންގައި ކުރިއަށްދާ ޕްރެސް ކޮންފަރެސްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމުގައި ރައުދުގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން ލިބެމުން ނުދާ ކަމަށެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުގައި ރިވިއު ޓީމުން ކުރި މަސައްކަތުގައި ރައުދުގެ ފަރާތުން “ކޮރޮބޮރޭޓް ކުރުމުގައި” މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ނަވީން ވިދާޅުވި އެވެ. ރައުދު އަލުން ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައި ވަނީ އެހެންވެ ކަމުގައި ފާހަގަކުރެއްވި އެވެ.
މީގެކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ރައުދު ގެންދިޔަ ނަމަވެސް ޕާސްޕޯޓު ހިފެއްޓުމަށް ފަހު އޭނާ ވަނީ ދޫކޮށްލާފަ އެވެ. ފުލުހުން ބުނެފައި ވަނީ އިމާރާތުން ޒުވާނާ ވެއްޓުނު ރޭ ރައުދު ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.
އިމާރާތުން ވެއްޓުނު ޒުވާނާ އާއެކު އުޅުނު މީހުންގެ ޕާސްޕޯޓު ހިފަހައްޓައިފި
ނަވީން ވިދާޅުވީ ޒުވާނާ ވެއްޓުނު އިމާރާތުގައި އޭނާ އާއެކު އުޅުނު ރައުދުގެ އިތުރުން މައްސަލަ އާ ގުޅުންހުރި ހަތް މީހަކު ދެނެގަނެވިފައިވާ ކަމަށެވެ.
ޕްރެސްގައި ފުލުހުން ވަނީ އެ މީހުންގެ ވަނަވަރު އާންމުކޮށްފަ އެވެ. އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓައި ގުޅުންހުރި ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށް ނަވީން ވިދާޅުވި އެވެ.