ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއްގެ ދަށުން 60 ގަސް އިންދައިފިއެވެ.
ހުޅުމާލޭގެ މުހިންމު ސަރަހައްދެއްގައި މިއަދު ބޭއްވި އެ ހަރަކާތުގައި ރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ގީތު ބާލަސުބްރަމާނިއަމް އާއި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުންތަކަށް އަލިކަމެއް ގެނެސްދީ ކުރިމަގަށްޓަކައި ދެ ގައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުން ބޭއްވި ހަރަކާތެއް ކަމަށެވެ.
މިއަދުގެ ހަރަކާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމު ގުޅިގެން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްކުރުމަށް އިތުރަށް ހިތްވަރުދޭނޭ ހަރަކާތެއް ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ރާއްޖެއާއި އިންޑިއާއަކީ އެތައް އަހަރުތަކެއް ވަންދެން ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ. ސިޔާސީ، އިގިތިސާދީ އަދި ސަގާފީ ގޮތުންވެސް ދެ ގައުމުގެ ގުޅުން ދަނީ ދުވަހުން ދުވަހަށް ވަރުގަދަވަމުންނެވެ. ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި ގޮތަކަށް ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މިފަދަ ހަރަކާތްތަކަކީ މުހިންމު ދައުރެއް އަދާކުރާނެ ކަންކަން ކަމަށް މިނިސްޓްރީން ބުންޏެވެ.