އަވައްޓެރި އިންޑިއާއިން ފޯރުކޮށްދޭ އެހީތައް ނުލިބޭނަމަ ރާއްޖެ އޮންނާނީ މިހާރު ވެސް ބަނގުރޫޓުވެފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އިންޑިއާގެ އޭޝިއަން ނިއުސް އިންޓަނޭޝަނަލް އަށް ދެއްވި އިންޓަވިއުގަ އެވެ.
އިންޑާއިން ކޮންމެ ކަމެއްގައި ވެސް ވަގުތުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމުގެ ސަބަބުން ޑީފޯލްޓަކަށް ނުގޮސް ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް އެޅުވުމަށް އެހީތެރިވެދީފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.
މި ކަންކަމުން ދައްކުވައިދެނީ ހަމައެކަނި ސަރަހައްދީ ގުޅުން ދެމެހެއްޓުމަށް އިންޑިއާއިން ދޭ ސަމާލުކަމެއް ނޫން ކަމަށާއި ހަމައެޔާއެކު ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރީ ގުޅުންތަކުގެ ވަރުގަދަކަން ވެސް ދައްކުވައިދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
“ކުރުކޮށް ބުނާނަމަ އިންޑިއާ ނެތިއްޔާ، ރާއްޖެ މިހާރު ވެސް އޮންނާނީ ޑިފޯލްޓަކަށް ގޮސްފައި،” ތިން އަހަރު ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ނަޝީދު ވިދާޅުވި އެވެ.