
އިންސާފު ނެތްތަނެއްގައި ހަމަޖެހުމެއް ނޯންނާނެކަމަށާއި ތަރައްޤީއެއް ނުގެނެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަރުކާރަށް 2 އަހަރުވުމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ކުރިއަށް ގެންދާ “ހަފްތާ104” ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ ހަމަޖެހުން ޤާއިމުކުރުމަށް، ސިޔާސީ ގޮތުން މީހުންނަށް ފިޔަވަޅު އެޅުން ނިމުމަކަށް ގެނެސް، ޚިޔާލު ފާޅުކުރުމަށް މަގުފަހިކޮށް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއްކަމަށެވެ. އެގޮތުން މި ސަރުކާރަށް ދެ އަހަރުވީއިރު ސިޔާސީ ގޮތުން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެއްވެސް ކަންބޮޑުވުމެއް ނެތް. އެބަޔަކަށް ސަޕޯޓް އޮންނަ މިންވަރަކުން ހަރަކާތް ހިންގޭނީ. އެއީކީ އެއްވެސް ވަރަކަށް ސަރުކާރުން ހުއްޓުވައިގެން، ސަރުކާރުން ނުފޫޒު ފޯރުވައިގެންވާ ކަމެއް ނޫން.” މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ، ޤައުމުގައި ހަމަޖެހުން ޤާއިމު ކުރެވޭނީ ޢަދުލު އިންސާފު ޤާއިމު ކުރެވިގެން ކަމަށާއި ޝަރުޢީ ދާއިރާ މިނިވަން ކުރެވިގެން ކަމަށެވެ. އަދި ތަރައްޤީގެ ހަމަމަގުން ކުރިއަށް ގެންދެވޭނީ ޞުލްޙަވެރިކަމާއި ޢަދުލު އިންސާފު އޮވެގެންކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.
ހަމައެހެންމެ، މަޖިލީހުގެ ތެރެއިން ރައްޔިތުންގެ އެދޭ ގޮތަށް ހަމަޖެހުމާއި ތަރައްޤީއަށް ސަރުކާރުން ކުރައްވާ ކޮންމެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވެސް މަޖިލީހިގެ ރައީސް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

