
އީރާން އަލުން ބިނާކުރުމަށްޓަކައި އިންޑިއާގެ ރައްޔިތުން ފޯރުކޮށްދިން ފައިސާ އާއި ގަހަނާގެ އެހީތެރިކަމަށްޓަކައި، އިންޑިއާގައި ހުންނަ އީރާން އެމްބަސީން އެ ގައުމުގެ ރައްޔިތުންގެ “ހެޔޮކަމާއި” “އިންސާނިއްޔަތުކަމަށް” ހޮނިހިރު ދުވަހު ޝުކުރު އަދާކޮށްފިއެވެ.
އެމްބަސީން ބުނީ އިންޑިއާގެ ރައްޔިތުން ދެއްކި ހެޔޮކަން އަބަދުވެސް ހަނދާން ބަހައްޓާނެ ކަމަށެވެ. “ތިޔަބައިމީހުންގެ ހެޔޮކަމާއި އިންސާނިއްޔަތުކަން އަހަރެމެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން. ޝުކުރިއްޔާ އިންޑިއާ،” އެމްބަސީގެ ބަޔާނުގައިވެއެވެ.
“ޝުކުރުން ފުރިގެންވާ ހިތަކާއެކު، އީރާނުގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކޮށް، ކަޝްމީރުގެ ހެޔޮލަފާ ރައްޔިތުން ފޯރުކޮށްދިން އިންސާނީ އެހީތެރިކަމާއި އެއްބައިވަންތަކަމަށްޓަކައި އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. މި ހެޔޮކަން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން. ޝުކުރިއްޔާ އިންޑިއާ،” އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
މީގެ އިތުރުން، މީގެ 28 އަހަރު ކުރިން ނިޔާވި ފިރިމީހާގެ ހަނދާނެއްގެ ގޮތުގައި ރައްކާކޮށްފައި ހުރި ރަން ގަހަނާތައް ހަދިޔާކުރި އަންހެނެއްގެ ގުރުބާނީވެސް އެމްބަސީން ވަނީ ފާހަގަކޮށްފައެވެ.
“ކަޝްމީރުގެ އިހުތިރާމް ލިބިގެންވާ އަންހެން ކަނބަލަކު، އޭނާގެ ފިރިމީހާގެ ހަނދާނުގައި ގެންގުޅުނު ރަން ގަހަނާތައް، އީރާނުގެ ރައްޔިތުންނަށްޓަކައި ހުރި ލޯތްބާއި އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން ވަނީ ހަދިޔާކޮށްފައި. ތިޔަބައިމީހުންގެ ކަރުނައާއި ސާފު އިހުސާސްތަކަކީ އީރާނުގެ ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން. މިކަން ދުވަހަކުވެސް ހަނދާނަކުން ނުފޮހެވޭނެ. ޝުކުރިއްޔާ ކަޝްމީރު، ޝުކުރިއްޔާ އިންޑިއާ.”
“ކަޝްމީރުގެ ކުޑަކުދިންވެސް އެކުދިން ފައިސާ ރައްކާކުރަން ގެންގުޅޭ ފޮށިތައް އީރާނަށް ހަދިޔާކުރަމުންދޭ. މާތްﷲ ތިޔަބައިމީހުންނަށް ބަރަކާތް ލައްވާށި،” އެމްބަސީން ބުންޏެވެ.
ކަޝްމީރުގެ ބަދްގާމްގެ ރައްޔިތުން ވަނީ އީރާނަށް އެހީވުމަށްޓަކައި ރަނާއި ރިއްސާއި ފައިސާ ހަދިޔާކޮށް، އެ ގައުމާ އެކު ތިބިކަން ހާމަކޮށްފައެވެ. އޭއެންއައި އަށް މައުލޫމާތު ދެމުން ބަދްގާމްގެ މުހުސިން އަލީ ބުނީ، މަސްޖިދު އިމާމް ޒަމާންގައި އެހީ އެއްކުރުމަށްޓަކައި ސްޓޯލެއް ބަހައްޓާފައިވާ ކަމަށެވެ.
“މަސްޖިދު އިމާމް ޒަމާންގައި އަޅުގަނޑުމެން މިވަނީ އިހުލާސްތެރި ނިޔަތަކާއެކު އެހީ އެއްކުރުމަށްޓަކައި ސްޓޯލެއް ހުޅުވާފައި. އަޅުގަނޑުމެންގެ މައިންނާއި އަންހެން ކޮއްކޮމެންނާއި ދައްތަމެން ދަނީ ގަހަނާއާއި، ކޮޕަރާއި، ފައިސާ ހަދިޔާކުރަމުން. އެއީ މިހާލަތުގައި އީރާނަށް އެހީތެރިވުމަށްޓަކައި،” މުހުސިން އަލީ ބުންޏެވެ.
އޭނާ އިތުރަށް ބުނީ، އީރާނަށް ގޮސް އެހީތެރިވުމުގެ ގާބިލުކަން ނެތް ނަމަވެސް، މާލީ ގޮތުން އެހީތެރިވެ އިންސާނިއްޔަތަށްޓަކައި ހިދުމަތް ކުރެވިދާނެ ކަމަށެވެ.

