ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެކުއެކީގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާ ގުޅޭ ބިލު މަޖިލިހުގެ ދެ ވަނަ ދައުރަށް ހުށަހަޅުއްވަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
“ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގެ ހަ ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުތައް ތަންފީޒު ކުރަން މަސައްކަތް ކުރާއިރު، ޑިމޮކްރަސީގެ ހަމަތަކާއި ރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރެއްވުމަކީ އެމަނިކުފާނު ވަރަށް ގަބޫލުފުޅު ކުރައްވާ ކަމެއް ކަަމަށެވެ. އެގޮތުން ރައްޔިތުންގެ ބާރުވެރިކަމާއި ގާނޫނީ ވެރިކަމާ އަދި ދެފުށް ފެންނަ ނިޒާމެއް ފުރިހަމަވާން ޖެހޭނެ ކަމަށެވެ.
ރާއްޖެއަށް ޑިމޮކްރަސީ ތައާރަފުވެ މިއަދާ ހަމައަށް އައިއިރު، އަދިވެސް ވަރަށް ގިނަ ފިޔަވަޅުތަކެއް ކުރިއަށް އަޅަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
“ޑިމޮކްރެޓިކް މުޖުތަމައެއް އޮތް ގައުމެއްގައި، ކަންތައްތައް ހުންނަން ވާނީ، މި ގައުމަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އަދި އަޅުގަނޑަށް ޔަގީން، ރައްޔިތުން ވެސް ގަބޫލުކުރައްވާނެ،” ރައީސް ވިދާޅުވި އެވެ.
ކަންކަން ބައްޓަން ކުރަން ވާނީ ރައްޔިތުންގެ ބާރުވެރިކަން ވަރުގަދަ ކުރެވޭ ގޮތަށް، ޔަގީންކަމާއި ކަށަވަރުކަން އިތުރުވާ ގޮތަށް ކަމުގައި ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ބާއްވާ ތިން އިންތިހާބުގެ ތެރެއިން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދެމެދު އޮންނަނީ ހަ މަސް ދުވަހުގެ މުއްދަތެއް ކަމުގަ އެވެ. އެހެންކަމުން ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ އެ ދެ އިންތިހާބު އެކުގައި ބޭއްވުން ކަމުގަ އެވެ. އެހެންނަމަވެސް އެކަމަކީ ރައްޔިތުންގެ ހިޔާލަށް އަހަން ޖެހޭ ކަމެއް ކަމުގަ އެވެ.
“ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓެއް ވެސް ނަގަން ޖެހޭ ކަމެއް. އަޅުގަނޑު ވަކިގޮތެއް މިއަށް ނިންމައިގެނެއް ނިންމޭނެ ކަމެއް ވެސް ނޫން. އަދި ނުވެސް ނިންމާނަން، ނިންމެން އޮތަސް. އަޅުގަނޑު ބޭނުން ވަނީ ހަމަ ރައްޔިތުންގެ ކިބައިން އަހައިގެން ގޮތެއް ނިންމަން،” ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާ އެކުއެކީގައި ބޭއްވުމުން ރައްޔިތުންނަށް ލިބޭނެ ވަރަށް ގިނަ ފައިދާތައް ހުރިކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެކަމުން 200 މިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި އެ ނޫން ގޮތްގޮތަށް ބެލި ނަމަވެސް ދެ އިންތިހާބުގައި އެކުގައި ބޭއްވުމަކީ ރާއްޖެއަށް އެންމެ އެކަށީގެންވާ އަދި ފައިދާހުރި ގޮތަކަށް ވާނެކަން ފާހަގަކުރެއްވި އެވެ.
“އެހެންވީމާ، އެކަމުގައި ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓަކަށް ދިޔުމާ ބެހޭގޮތުން އަޅުގަނޑުމެން މިހާރު މި ވަނީ ވިސްނާފައި. އަދި އެކަމުގައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލާއި ފެންނަ، ނުފެންނަ ވޯޓާއި އެ ފެނުމާ ބެހޭ ގާނޫނެއް ވެސް ފާސްކުރަން ޖެހޭ. މަޖިލިސް ހުޅުވި، ދެ ވަނަ ދައުރަކަށް ޖޫން މަހުގެ ތެރޭގައި މަޖިލިސް ހުޅުވިގެން ދިޔައިމަ، އެކަމާ ބެހޭ ބިލެއް ހުށަހެޅުމަށް މަސައްކަތްތަކެއް އެބަ ކުރެވޭ،” ރައީސް ވިދާޅުވި އެވެ.
ޕޮޑްކާސްޓުގައި ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ދެ ބުރު ނުބާއްވައި ފުރަތަމަ ބުރުން ވެރިއަކު ހޮވުމާ ގުޅޭގޮތުން އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަންކަމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.