ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމުގެ ތެރެއިން އިނާޔަތެއް ދީގެން ވިޔަސް ޓީޗަރުކަން ކިޔެވުމަށް ދަރިވަރުން ޝައުގުވެރި ކުރުވުމުގެ ވިސްނުން އެބަހުރި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ޝަފީއު އެހެން ވިދާޅުވީ ސާނަވީ އަދި މަތީ ސާނަވީ ނިންމި އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް “މަތީ އަރުތަވެރީންގެ އިނާމު” ދިނުމުގެ ރަސްމިއްޔާތުގެ ހަތަރު ވަނަ ދަންފަޅީގައި ވާހަކަ ދައްކަވަމުންނެވެ.
ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު އިފުތިތާހުކޮށްދެއްވި ޕްރޮގްރާމެކެވެ.
މިނިސްޓަރު ވިދާޅުވީ އުނގަންނައިދިނުމުގެ ދާއިރާއަށް މޮޅެތި ކުދިން ގެނައުމަށް މަސައްކަތްތަކެއް ޖެހޭ ކަމަށެވެ. އެ ކުދިން ދާއިރާއަށް ގެނައުމަށް ނިޒާމުގެ ތެރެއިން ކަންކަން އަތުރައި، ތަރުތީބުކުރަން ޖެހޭ ކަމަށެވެ. ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމެއް ރައީސްގެ މެނިފެސްޓޯގައި ހިމެނިގެން އިފުތިތާހުކޮށްފައިވާ އެ ބޭނުމުގައިކަން ފާހަގަކުރެއްވި އެވެ.
އެގޮތުން މިދިޔަ އަހަރު އެ ޕްރޮގްރާމު ފަށާފައިވާ ކަމަށާއި މި އަހަރުގެ ތެރޭގައި އެ ޕްރޮގްރާމަށް އިތުރު ކުރިއެރުންތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަފީއު ވިދާޅުވި އެވެ.
މީގެ އަހަރުތަކެއް ކުރިން ޓީޗިން ކޯސް ހެދި ދަރިވަރުންނަށް ޕޮކެޓް މަނީ ނުވަތަ އެލަވަންސެއް ދެމުން އައިކަން ފާހަގަކުރައްވައި ޝަފީއު ވިދާޅުވީ ފަށާފައިވާ ޕްރޮގްރާމުގެ ދަށުން ކޮންމެ މަހަކު ވެސް އެލަވަންސެއްގެ ގޮތުގައި ވަކި އަދަދެއް ދީގެން ނަަމަވެސް ދާއިރާއަށް ޝައުގުވެރިކުރަން މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
“ހަމައެގޮތަށް އަޅުގަނޑުމެން މި ފެއްޓި ޕްރޮގްރާމަކީ ވެސް ކޮންމެ މަހެއްގައި ވަކި މިންވަރެއްގެ ސްޓައިޕެންޑެއް، އެލަވަންސެއް ދަރިވަރުންނަށް ލިބޭ ފަދަ ގޮތަކަށް ފަރުމާކޮށްގެން ވެސް އަޅުގަނޑުމެން މި ބަލަނީ ފެންވަރު ރަނގަޅު ކުދިން މި ދާއިރާއަށް ހިތްޖައްސައި…” ޝަފީއު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެޑިއުކޭޝަން ދާއިރާގެ މަސައްކަތުގެ މާހައުލުގައި ހުރި އުދާސްތައް ފިލުވައި އަދުލުވެރިކަމާއި ހިތްހަމަޖެހުމާ އެކު އަދި އެއްވެސް ވަރެއްގެ ތަފާތު ކުރުމެއް ނެތި މަސައްކަތް ކުރެވޭނެ މާހައުލެއްގެ ގޮތުގައި ނިޒާމު ބައްޓަން ކުރަން މިހާތަނަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގަ އެވެ.
ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ޓީޗަރުން ބެހިފައިވާ ގޮތަށް އަލިއަޅުއްވާލައްވައި ޝަފީއު ވިދާޅުވީ އޭގެ ތެރެއިން 74 އިންސައްތައަކީ ދިވެހި ޓީޗަރުން ކަމަށާއި 22 އިންސައްތައަކީ ބިދޭސީ ޓީޗަރުން ކަމަށެވެ. އަދި ބާކީ ހަތަރު އިންސައްތައަކީ ޓީޗަރުން ލިބުމުގެ ދަތިކަމާ ހުރެ ވަގުތީ ގޮތުން މަސައްކަތްކުރާ ޓީޗަރުން ކަމަށެވެ.
ވަގުތީ ޓީޗަރުންނަކީ ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭ ޓީޗަރުންނާއި ދިވެހި، އިސްލާމްގެ އިތުރުން ގުރުއާން މާއްދާ ކިޔަވައިދޭ ޓީޗަރުން ކަމުގައި ހާމަކުރެއްވި އެވެ.
“މި ހަތަރު ދާއިރާއިން ޓީޗަރުން ލިބުން ދަތިވުމުގެ ސަބަބުން ވަގުތީ ގޮތުން މީހުން ނަގައިގެން ޓްރެއިން ނުވެ ތިބި ދިވެހިން މަސައްކަތްކުރާ ހަތަރު ޕަސެންޓް އަޅުގަނޑުމެންގެ ޓީޗިން ފޯސްގެ ތެރޭގައި އެބަ ހިމެނޭ،” ޝަފީއު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސްޕެޝަލް އެޑިއުކޭޝަނަލް ނީޑްސް (ސެން) ޓީޗަރުން ލިބުމުގައި ވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން 600 އެއްހާ ސެން ޓީޗަރުން މިހާރު ވެސް ބޭނުންވާ ކަމަށެވެ. އެކަމަށް ހައްލު ހޯދުމުގެ ގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކާ ގުޅިގެން ސެން ޓީޗަރުން ތަމްރީނު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށާނެކަން ފާހަގަކުރެއްވި އެވެ.