ހުޅުލޭގައި އޮންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި އެރުވި ރޭ ހަވާ ދުނިޔޭގެ ރެކޯޑު ފޮތަށް އަރައިފި އެވެ.
އާ ޓާމިނަލްގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިޔަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެ ކަމުގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި އެ ހަރަކާތް ރެކޯޑު ފޮތަށް އެރީ އެއް ފަހަރާ 19 ތަނަކުން އެއް ދިމާއަކަށްވާ ގޮތަށް ހަވާ އެރުވުމުންނެވެ.
ރޭ މާލެ ވަށައިގެން ކަނޑުގެ 16 ސަރަހައްދަކުން ހަވާ އެރުވި އެވެ. އަދި އެއާޕޯޓް ކައިރިން 3 ސަރަހައްދުން ހަވާ އެރުވި އެވެ. ޖުމުލަ ހަ މިނެޓަށް ހަވާ އަރުވާފައިވެ އެވެ.
ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދީނީ ތަރިކަ ރަމްޒުކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުން ފަރުމާކޮށްފައިވާ ޓާމިނަލްގައި، ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ގުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ހިމަނާފައިވެ އެވެ.
ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، 6 ސެލްފް ސާވީސް ކައުންޓަރާއި، 20 ޑިޕާޗާ އިމިގްރޭޝަން ކައުންޓަރާއި 6 ޕެސެންޖާ ބޯޑިން ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ. އަދި އެ ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ޓާމިނަލެކެވެ.
ވީއައިއޭއިން އަހަރަކު 7.5 މިލިޔަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެކަމަށް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު އެމްއޭސީއެލުން ބުނެފައިވެ އެވެ. އެއީ ގަޑިއަކު 4000 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ފެންވަރެވެ. މި ޓާމިނަލަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އާ ޓާމިނަލުގެ މަސައްކަތް މަސައްކަތް ސައުދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ފިިނިހަކަ ދުވެލީގަ އެވެ. ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށީ ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް (އެސްއެފްޑީ) އިން 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.
ރައީސް މުއިއްޒު ވެރިކަމުގައިވެސް އެސްއެފްޑީ އިން 100 މިލިއަން ޑޮލަރުގެ ލޯނެއް މިމަޝްރޫއަށް ނެގި އެވެ. މީގެއިތުރުން ޔޫއޭއީގެ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު ނަގާފައިވެ އެވެ.