ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި 2022 ވަނަ އަހަރު ފެށި މަޝްރޫއެއްގެ ދަށުން ވަނީ 4000 ފްލެޓު އިމާރާތް ކޮށްފަ އެވެ. ވެރިކަން ބަދަލުވިއިރު މި މަޝްރޫއުގެ 40 އިންސައްތަވަރު ނިންމާލާފައިވާއިރު މަޝްރޫއުގެ ބޮޑު ބައެއް ކުރިއަށް ގެންގޮސްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގަ އެވެ. 4000 ފްލެޓުގެ ތެރެއިން 2000 ފްލެޓުގެ މަސައްކަތް ކުރީ އިންޑިއާގެ އެންބީސީސީ ކުންފުނިންނެވެ. މަޝްރޫއުގެ އަނެއް ބައި ކުރިއަށް ގެންދިޔައީ ހަމަ އެގައުމުގެ ކޭޕީއައިއެލް ކުންފުނިންނެވެ.

އެންބީސީސީން އަލަށް އިމާރާތް ކުރި ތިން ކޮޓަރީގެ އަދި ދެކޮޓަރީގެ އެޕާޓްމެންޓުތައް “ދެން” އިން ވަނީ ބަލާލައިފަ އެވެ. މިއީ ފެންވަރު ރަނގަޅު އަދި ތަނަވަސް ފްލެޓުތަކެކެވެ. މިހާރު ކުރިއަށް ދަނީ އިމާރާތްތަކުގެ ކޮރިޑޯގެ ފިނިޝިންގް މަސައްކަތްތަކެވެ. 81 އިންސައްތަ ފްލެޓުތަކުގެ ފިނިޝިންގް މަސައްކަތް ނިންމައި މިހާރު ވަނީ އެމްބީސީސީން އެފްޑީސީއާއި ތަޅުދަނޑިތައް ހަވާލުކޮށްފަ އެވެ.
ފްލެޓުތަކާއި ގުޅޭގޮތުން އެންބީސީސީގެ ފަރާތުން މައުލޫމާތު ދެމުން ބުނީ މިމަހުގެ ނިޔަލަށް ހުރިހާ ފްލެޓުތަކުގެ ތަޅުދަނޑިވެސް އެފްޑީސީއާއި ހަވާލު ކުރާނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ގާތްގަނޑަކަށް 20 ފްލެޓުގެ ތަޅުދަނޑި އެފްޑީސީއާއި ހަވާލު ކުރަމުން ދާނެކަމަށް އެކުންފުނިން ބުންޏެވެ.
މި ފްލެޓުތައް އިމާރާތް ކޮށްފައިވަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އަލީގަ އެވެ. އެގޮތުން މުޅި ޖުމްލަ 3557 ޕައިލްސް ފައުންޑޭޝަން ވަނީ އަޅައިފަ އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންދިޔަ މަޝްރޫއެއްގައި މިހާ ގިނަ އަދަދަކަށް ޕައިލްސް ފައުންޑޭޝަން އެޅި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން މިތަންތަން އިމާރާތް ކޮށްފައިވަނީ މޮނޮލޮތިކް އާކިޓެކްޗާ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. އިމާރާތުގެ ފާރުތައް ރާނާފައިވަނީ ފެންވަރު ރަނގަޅު ނިޒާމެއްގެ ތެރެއިންނެވެ. އެގޮތުން ސިމެންތީގެ އިތުރުން ފާރުތައް ރޭނުމުގައި ސްޓީލްގެ ބޭނުން ވަނީ ކޮށްފަ އެވެ. މީގެ ސަބަބުން ފްލެޓުގެ އެތެރެއަށް ހޫނު އިހުސާސް ކުރެވޭ މިންވަރު މަޑުކޮށްދޭނެ އެވެ. އަދި ފްލެޓުގެ ތެރެއިން ބޭރަށް އަޑު ދަތުރު ކުރާ މިންވަރުވެސް ވަރަށް ބޮޑަށް މަޑުވާނެ އެވެ.
ރާއްޖެއަކީ ބިންހެލުންތައް މަދު ގައުމެއްކަމުން އިމާރާތް ކުރުމުގައި މިކަމަށް ރިއާޔާތް ކުރުން ވަރަށް މަދެވެ. އެހެންނަމަވެސް އެންބީސީސީން ބުނީ އަލަށް އިމާރާތް ކުރި ޓަވަރުތައް އެދީ އިންޑިއާގެ ލަކްޝަދީޕުގައި ބިންހެލުންތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށްވެސް ބެލުމަށްފަހު ކަމަށެވެ.

ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނާ ގޮތުގައި ރާއްޖޭގައި އެންމެ އާންމުކޮށް ވައި ގަދަވަނީ ގަޑިއަކު 32 މޭލަށެވެ. އެހެންކަމުން އިމާރާތް ކުރުމުގައި ރިއާޔާތް ކުރަނީ މި މިނަށެވެ. އާ ފްލެޓުތައް އިމާރާތް ކުރީ ގަޑިއަކު 52 މޭލަށް ވައި ގަދަވެެދާނެކަމަށް ބަލައި އެކަމަށްވެސް ތައްޔާރު ވެގެންނެވެ. އާ ޓަވަރުތަކުގެ ހުރިހާ ފާރެއްވެސް ރާނާފައިވަނީ ކޮންކްރީޓުންނެވެ.
އިންޑިއާގެ އެންބީސީސީ ކުންފުނިން މީގެ ކުރިން ވަނީ އައިޖީއެމް ހޮސްޕިޓަލުގެ ރިނޮވޭޝަން މަސައްކަތްވެސް ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި އިމާރާތްކުރި ޕޮލިސް އެކެޑަމީ ޓަވަރުތައްވެސް އިމާރާތް ކޮށްފައިވަނީ މި ކުންފުނިންނެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިމަހު ވަނީ ފްލެޓުވެރިންނާއި އާ ފްލެޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރަން ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. ސަރުކާރުން ދަނީ ގާތްގަނޑަކަށް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ފްލެޓެއް ފްލެޓުވެރިންނާ ހަވާލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
“ސްކޯޕްގެ ބޭރުން، ރައްޔިތުން ވަންނަންވާއިރަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭން އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ. އެ ކަންތައްތައް އިރާދަ ކުރެއްވިއްޔާ ޖުލައިމަސް ނިމުމުގެ ކުރިން އެންމެ ފުރަތަމަ [ނިމޭ] އެޕާޓްމަންޓުތަކަށް މީހުންނަށް ވަދެވޭވަރު އިރާދަ ކުރެއްވިޔާ އަޅުގަނޑުމެން ކުރާނަން،” އެފްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ހަމްދާން ޝަކީލް މީގެ ކުރިން ވިދާޅުވި އެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ރައީސް ޑރ. މުއިއްޒުވެސް ވަނީ އާ ފްލެޓުތައް އިމާރާތް ކުރާ ސަރައްހައްދަށް ވަޑައިގެން މަސައްކަތް ކުރިއަށް ދާގޮތްވެސް ބައްލަވާލައްވައިފަ އެވެ. ފްލެޓު ލިސްޓާއި ގުޅޭގޮތުން އާންމުންގެ ގިނަ ޝަކުވާތަކެއް ހުށަހެޅުނެވެ. އެހެންވެ މި ސަރުކާރުން ނިންމީ ކުރީގެ ރައީސް ޞާލިހުގެ ސަރުކާރުން އެކުލަވައިލި ފްލެޓު ލިސްޓުގައިވާ މީހުންނަށް ފްލެޓު ދޭށެވެ.