އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް 11.2 ބިލިއަން ރުފިޔާއަށް އަރައި، މި އަހަރުގެ ބަޖެޓު އަރަނިވި މިންވަރު ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރަމުން އަންނަ ‘ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް’ ރިޕޯޓުގައިވާ ގޮތުން، މިދިޔަ ބުރާސްފަތި ނިޔަލަށް ދައުލަތަށް ވަނީ ގާތްގަނޑަކަށް 11.2 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 10.7 ބިލިއަން ރުފިޔާ އެވެ.
މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ޓެކްސްގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 8.8 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މި އަހަރު 2.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެޕްރީލު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ލިބުނީ 1.9 ބިލިއަން ރުފިޔާ އެވެ.
އަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި 56 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ލިބިފައި ވަނީ 43.6 މިލިއަން ރުފިޔާ އެވެ.
މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓޫރިޒަމް ދާއިރާއިން ލިބުނު ޖީއެސްޓީންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި ގާތްގަނޑަކަށް 3.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ ގާތްގަނޑަކަށް 3.1 ބިލިއަން ރުފިޔާ އެވެ. ގްރީން ޓެކްސްގެ ގޮތުގައި 556.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ލިބިފައި ވަނީ 327.2 މިލިއަން ރުފިޔާ އެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ މިންވަރު ވެސް މި އަހަރު ވަނީ އިތުރުވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެސްޑީއެފްއަށް 437.1 މިލިއަން ރުފިޔާ ޖަމާކުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ޖަމާކޮށްފައި ވަނީ 342 މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެޕްރީލު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުތައް ހުރީ ގާތްގަނޑަކަށް 9 ބިލިއަން ރުފިޔާގައި ކަމަށެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ގާތްގަނޑަކަށް 11.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މި އަހަރުގެ ހަރަދުތަކުގެ ތެރޭގައި ލޯނު ދައްކަން ހޭދަވި 2.4 ބިލިއަން ރުފިޔާ ހިމެނޭއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކުރީ 847.9 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ އެޕްރީލު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުގެ ޕްރައިމަރީ ބެލެންސް 351.6 މިލިއަން ރުފިޔާއިން އަރަނިވެފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އެ އާއެކު، ޖުމްލަ ބަޖެޓުގެ ބެލެންސް އެހާތަނަށް ވަނީ 2.1 ބިލިއަން ރުފިޔާއިން އަރަނިވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖުމްލަ ބަޖެޓުގެ ބެލެންސް ހުރީ 1.1 ބިލިއަން ރުފިޔާގެ ޑެފިސިޓްގަ އެވެ.