އާންމުކޮށް ރާއްޖެ އެތެރެކުރާ މޭވާއާއި ތަރުކާރީ އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް އެތެރެކުރަން ފަށަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ވިދާޅުވީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ގާއިމުކުރުމަށް މެނިފެސްޓޯގައި އެމަނިކުފާނު ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރަމުންދާ ކަންކަމުގެ ތެރެއިން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ،ހަކުރު،ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެމޭވާ އާއި 10 ބާވަތުގެ ތަރުކާރީ އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ވިއްކަން ފަށަން ކެބިނެޓްގައި މިއަދު މަޝްވަރާކޮށް ނިންމާފައިވާ ކަމަށެވެ.
އެ ނިންމުމުގެ ދަށުން މުގު، ބިސް، އަދި އަލުވި ވެސް އެސްޓީއޯއިން ގެންނާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް މެނިފެސްޓޯގައި އަޅުގަނޑު ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ،ހަކުރު،ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10…
— Dr Mohamed Muizzu (@MMuizzu) September 10, 2025
ރައީސް އެފަދައިން މިއަދު އިއުލާންކުރެއްވި އިރު ދިވެހީން އާންމުކޮށް ބޭނުންކުރާ އާފަލާއި އޮރެންޖުގެ އަގު އިންތިހާއަށް ވަނީ އުފުލިފަ އެވެ.
އެގޮތުން ކުރިން ފަސް ރުފިޔާއާއި ހަތް ރުފިޔާއަށް ދެމެދުގެ އަގުތަކަކަށް ލިބެން ހުރި އާފަލާއި އޮރެންޖުގެ އަގު މިހާރު ވަނީ 12 ރުފިޔާއަށް އަރައިފަ އެވެ.
އާފަލާއި އޮރެންޖު އެތެރެކުރާ ވިޔަފާރިވެރިން ބުނީ އެތަކެތީގެ އަގުތައް އުފުލުނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމުން ކަމަށެވެ. ނަމަވެސް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނީ އެ ތަކެތި އަގު ބޮޑުކުރީ ގަސްދުގައި ބޮޑު ފައިދާ ހޯދަން ކަމަށެވެ.
އާފަލާއި އޮރެންޖު ނޫން މޭވާއާއި ތަރުކާރީގެ އަގު މި ފަހުން ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.