ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާގެ ޒާހިރުގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދުން ދޫކުރަން އަމުރު ނެރެން އަޒްމިރާލްދާ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އައި މައްސަލައަކީ މަސާޖު ޕާލާއަކުން ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރާލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެވެ.
މައްސަލައިގެ އަޑުއެހުންތައް ފަށާފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ. ދެ ފަނޑިޔާރުންގެ ބަޔާނާއި ކްރިމިނަލް ކޯޓުގެ ތިން ގާޒީއެއްގެ ބަޔާން ނެގުމަށް ފަހު މިދިޔަ މަހުގެ 13 ވަނަ ދުވަހު ތަހުގީގުގެ ފުރަތަމަ ރިޕޯޓު ފަނޑިޔާރުންނަށް ވަނީ ފޮނުވާފަ އެވެ.
މައްސަލައިގެ ފަހު އަޑުއެހުމަށް ޖޭއެސްސީއަށް މަހާޒު ހާޒިރުކޮށްފައި ވަނީ މިއަދު ހެނދުނު 9 ޖެހިއިރެވެ. 10 ޖެހިއިރު އަޒްމިރާލްދާގެ ހާޒިރުކުރި އެވެ.
އެނގިފައިވާ ގޮތުން މިއަދުގެ އަޑުއެހުންތަކުގައި ކުރިއަށް ގެންގޮސްފައި ވަނީ ފަނޑިޔާރުންގެ ފަރާތުން ފާހަގަކުރަން ހުރި ކަންކަމުގައި ވާހަކަ ދެއްކެވުމެވެ. މައްސަލަ ބެއްލެވި ކޮމިޓީން ވަކި ކަމެއް ފާހަގަކޮށްފައެއް ނުވެ އެވެ.
ސުލޫކީ މައްސަލަތަކުގައި އަމަލުކުރަމުން އަންނަ ގޮތުން ދެން އޮންނާނީ ކޮމިޓީގެ ތަހުގީގުގެ ފައިނަލް ރިޕޯޓު ތައްޔާރު ކުރުމެވެ. ރިޕޯޓުގައި ފަނޑިޔާރުންނަށް އަޅަން ފެންނަ ފިޔަވަޅު ހިމަނާނެ އެވެ. ތަހުގީގު ރިޕޯޓަށް ޖަވާބުދާރީވާން ފަނޑިޔާރުންނަށް ހަތް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. ފަނޑިޔާރުންގެ ޖަވާބާއި ރިޕޯޓު ޖޭއެސްސީގެ ބައްދަލުވުމަށް އެޖެންޑާ ކުރާނެ އެވެ. ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމާނީ އެ ބައްދަލުވުމުގަ އެވެ.
މި މައްސަލައިގެ އިތުރުން އަޒްމިރާލްދާ އާއި މަހާޒު އަދި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ބެއްލެވި މައްސަލައެއްގައި ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުއޫދު ހުތުރުބަހުން ވާހަކަ ދެއްކެވިއިރު ދެ ފަނޑިޔާރުން ތިއްބެވި މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
އަޒްމިރާލްދާގެ ދިފާއުގައި އޭނާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސް ބަޔާން ނެރުއްވުމަކީ ފަނޑިޔާރު މީޑިއާތަކާ ވާހަކަ ދައްކައި ހިނގަމުންދާ މައްސަލައަކަށް މައްސަލައިގެ ބޭރުން ރައްދު ދިނުން ކަމަށް ބެލެވޭ ސުލޫކީ މައްސަލައެއް ގޮތަށް ދަނީ ބަލަމުންނެވެ.
ފަނޑިޔާރުން ތިއްބެވީ ސަސްޕެންޝަނުގަ އެވެ. ސަސްޕެންޝަނުގައި ތިއްބަވާތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އެވެ. މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައިވަނިކޮށެވެ.