ސަސްޕެންޝަންގައި މިހާރު ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަންއިން ބަލަނީ ވަކި ފަރާތަކަށް ޖެހިގެންކަމަށް އޭނާ ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖުޑީޝަރީ ކޮމިޓީގައި ވަނީ އަޒްމިރަލްދާ އެ ކޮމިޓީއަށް ފޮނުއްވި ސިޓީއެއް ވަނީ އިއްވައިފަ އެވެ.
އެ ސިޓީގައި އޭނާ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންއިން އަމަަލުކުރަމުން ދަނީ އެ ކޮމިޝަންއާ މަތިކުރެވިފައިވާ ބާރުތަކާ ހިލާފަށް ނުބައި ނިޔަތެއްގައި ކަމަށް ވިދާޅުވެފަ އެވެ. އަދި ޖޭއެސްސީން މަސައްކަތް ކުރަމުންދަނީ އަސްލެއް ނެތް މައްސަލަތަކެއް އުފަންކޮށް އަބުރު ކަތިލައި ވަޒީފާއިން ވަކިކުރަން ކަމަށް ވެސް އަޒްމިރަލްދާ ތުހުމަތުކުރެއްވި އެވެ.
ހަމަ އެހެންމެ އަޒްމިރަލްދާއަށް ޖަވާބު ދާރީވުމަށްވެސް އެކަށީގެންވާ ފުރުސަތު ނުދޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެެހެންވެ ޖޭއެސްސީގެ މެމްބަރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކުރި އަދި އަމަލުކުރަމުންދާ މެމްބަރުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް އަޒްމިރަލްދާ އެދިވަޑައިގެންނެވި އެވެ.
އަޒްމިރަލްދާގެ ސިޓީއާ ގުޅިގެން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ އަޒްމިރަލްދާ ވިދާޅުވި ކަންކަމަކަކީ އާދައިގެ ކަންކަން ކަމަށް ބަލައި ދޫކޮށްލާ ވަރުގެ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި ޖޭއެސްސީގެ މެމްބަރުންނަށް ސުލޫކީ މިންގނަޑާ ހިލާފަށް އަމަލުކުރާ މައްސަލަ ބަލަން އޭނާ ހުށަހެޅުއްވި އެެވެ.
އެ ހުށަހެޅުމަށް ތާއިދުކުރައްވައި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ވަނީ ކަންހިނގާ ދިޔަ ގޮތް ޖޭއެސްސީން ޖަވާބު ހޯދަން ލިޔުމުން ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ.
އެ ހުށަހެޅުންތައް ޖުޑިޝަރީ ކޮމިޓީން ފާސްކުރީ އެ ކޮމިޓީގެ އަގުލަބިއްޔަތުންނެެވެ،
ޖޭއެސްސީން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި އަޒްމިރަލްދާގެ ޒާހިރުގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދުން ދޫކުރަން އަމުރު ނެރެން އަޒްމިރަލްދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައާއި އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒު އަދި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ބެއްލެވި މައްސަލައެއްގައި ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުއޫދު ހުތުރުބަހުން ވާހަކަ ދެއްކެވިއިރު އަޒްމިރަލްދާ އިން މައްސަލަ ހިމެނެ އެވެ.
އޭގެ އިތުރުން ޖޭއެސްސީން އަޒްމިރަލްދާގެ ތަހުގީގު ހިނގާ ގޮތާ ގުޅޭ އޭނާގެ ވަކީލު މެދުވެރިކޮށް ބަޔާން ނެރުއްވާ މައްސަލަވެސް ސުލޫކީ މައްސަލައެއްގެ ގޮތުަގައި ދަނީ ބަލަމުންނެވެ.