އަޒުމް އާކުރަންވީ ދީނުގެ ފަރުޟުތައް އަދާކުރުމަށް ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބަތުގައި ނެރުއްވި ޚިތާބުގައި ސިޔާމް ވިދާޅުވީ ކީރިތި ރަސޫލާގެ ޢީދު މީލާދު މިއަދު ފާހަގަކުރަމުންދާއިރު، މިއަދުގެ ހާލަތާ މެދު ވިސްނައި ފިކުރުކޮށްލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އިސްލާމްދީނަކީ އަނިޔާވެރިކަމާއި، ވައްކަމާއި، ފަސާދައާއި، މަކަރުވެރިކަން ނައްތާލުމަށްޓަކައި މާތްﷲ ދުނިޔެއަށް ބާވައިލެއްވި ސަމާޙަތުގެ ސީދާ ދީން ކަމަށާއި ނަމަވެސް މިއަދުގެ ދުނިޔޭގައި މާތް ރަސޫލާގެ ސުންނަތާ ކަނޑައެޅިގެން ދެކޮޅު ހަދާ މީހުން އުޅޭކަމީ ހިތާމައެއް ކަމަށް ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވި ގޮތުގައި މިއަދު އަޒުމް އާކުރަންވީ ދީނުގެ ފަރުޟުތަކާއި، ވާޖިބުތައް ކަމުގައިވާ ފަރުޟު ފަސް ނަމާދު ފުރިހަމައަށް އަދާކޮށް، ރޯދަހިފައި، ޒަކާތްދީ، އެކަކު އަނެކަކާ އޯގާތެރި ބަޔަކަށް ވުމަށެވެ.
އަދި އިސްލާމްދީނާއި، އާލަމްތަކަށް ރަހުމަތެއްކަމުގައި ފޮނުއްވި ކައު އިތުރު ރަސޫލާއަށް ފުރައްސާރަކުރުމަށް ކުރެވެމުންދާ ހަޑިހުތުރު އެންމެހާ އަމަލުތަކުން ދުރުހެލިވެ، ސާބިތު ބައެއްގެ ގޮތުގައި ދެމިތިބުމަށް ސިޔާމް ވަނީ އިލްތިމާސްކުރައްވާފަ އެވެ.