
އިނގިރޭސިވިލާތާއި އިންޑިއާއާ ދެމެދު އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، އިނގިރޭސިވިލާތުގެ އެއަރ ޗީފް އޮފް ދަ އެއަރ ސްޓާފް (ސީއޭއެސް)، އެއަރ ޗީފް މާޝަލް ސަރ ހާވް ސްމައިތު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.
ސަލާމަތީ ގޮތުން ކުރިމަތިވަމުންދާ އައު ގޮންޖެހުންތަކާ ކުރިމަތިލުމަށް ދެ ގައުމުގެ އަސްކަރީ އެއްބާރުލުން އިތުރުކުރުމަށް ކުރައްވާ މި ދަތުރުފުޅު ސީއޭއެސް ފެއްޓެވީ އިންޑިއާގެ ނޭޝަނަލް ވޯ މެމޯރިއަލްއަށް ޒިޔާރަތްކުރައްވައި، ގައުމަށްޓަކައި ގުރުބާންވި ސިފައިންގެ ހަނދާނުގައި އިހުތިރާމް އަދާކުރެއްވުމުންނެވެ. މީގެ އިތުރުން އިންޑިއާގެ އެއަރ ފޯސްއިން އެމަނިކުފާނަށް އެރުވި ގާޑް އޮފް އޮނަރ އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ އެއަރ ޗީފް މާޝަލް އަމަރް ޕްރީތު ސިންގްއާ ބައްލަދުކުރައްވައި، ސަލާމަތީ ނުރައްކާތަކާ ބެހޭގޮތުންނާއި، ދެ ގައުމުގެ ވައިގެ ސިފައިންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. ފަހަކަށް އައިސް ދެ ގައުމުގެ އަސްކަރިއްޔާއިން ގުޅިގެން ކުރިއަށްގެންދާ ތަމްރީނުތަކާއި ތައުލީމީ ބަދަލުތަކުގެ ސަބަބުން މި ގުޅުން ވަނީ އައު އުސްމިންތަކަކަށް ވާސިލްވެފައެވެ.
މިއަހަރުގެ ފެބްރުއަރީ މަހު އިނގިރޭސިވިލާތާއި އިންޑިއާއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، އިންޑިއާގެ ތިން އިންސްޓްރަކްޓަރުން އިނގިރޭސިވިލާތުގެ ‘އާރްއޭއެފް ވެލީ’ ގައި ހަރަކާތްތެރިވާނެއެވެ. މިއީ އިނގިރޭސިވިލާތުގެ ޖެޓް ޕައިލެޓުން ތަމްރީނުކުރާ މައި މަރުކަޒެވެ. މީގެ އިތުރުން، ދެ ގައުމުގެ އެއަރ ޗީފުން ގުވަލިއޯރު އެއަރ ފޯސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި، އައު ޒަމާނުގެ ވައިގެ ނުރައްކާތަކާ ދެކޮޅަށް މަސައްކަތްކުރާނެ ގޮތްތައް ބައްލަވާލައްވާނެއެވެ.
އެއަރ ޗީފް މާޝަލް ސަރ ހާވް ސްމައިތު ވިދާޅުވީ، އިންޑިއާއަށް ޒިޔާރަތްކޮށް، އެމަނިކުފާނުގެ ގާތް ރަހުމަތްތެރިޔާ އެއަރ ޗީފް މާޝަލް އަމަރް ޕްރީތު ސިންގްއާ އެކު ދިފާއީ ގުޅުން ބަދަހިކުރުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ. އަދި އިންޑިއާގެ އިންސްޓްރަކްޓަރުން އިނގިރޭސިވިލާތުގެ އަސްކަރީ ކޮލެޖްތަކުގައި މަސައްކަތް ކުރުމަކީ ދެ ގައުމުގެ މެދުގައި އޮތް އިތުބާރާއި ސަގާފީ ގުޅުން ހާމަކޮށްދޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބްރިޓިޝް ހައި ކޮމިޝަންގެ ޑިފެންސް އެޑްވައިޒަރު ކޮމޮޑޯރ ކްރިސް ސައުންޑަރސް ވިދާޅުވި ގޮތުގައި، މި ދަތުރުފުޅަކީ ޔޫކޭ އާއި އިންޑިއާގެ ދިފާއީ ގުޅުން ހަލުވިކަމާއެކު ކުރިއަރަމުންދާ ކަމުގެ ހެއްކެކެވެ. މިއީ 2026 ވަނަ އަހަރު އިނގިރޭސިވިލާތުގެ މަތީ ފަންތީގެ އަސްކަރީ އޮފިސަރަކު އިންޑިއާއަށް ކުރެއްވި ހަތަރުވަނަ ދަތުރުފުޅެވެ.
ވައިގެ ސިފައިންގެ އިތުރުން، ދެ ގައުމުގެ ކަނޑުގެ ސިފައިންނާއި އެއްގަމު ސިފައިންގެ މެދުގައި ވެސް އަންނަނީ ތަމްރީނުތަކާއި ތަޖުރިބާ ބަދަލުކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. މީގެ ތެރޭގައި ‘އަޖޭޔާ ވޯރިއާ’ އާއި ‘ކޯބްރާ ވޯރިއާ’ ފަދަ ބޮޑެތި އަސްކަރީ ތަމްރީނުތައް ހިމެނެއެވެ. މި ދަތުރުފުޅުގެ ތެރެއިން ސީއޭއެސް އިންޑިއާގެ މަދަނީ އަދި އަސްކަރީ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

