
ރ. އަލިފުށީގެ ކައުންސިލްގެ ހުރިހާ ގޮނޑިއެއް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކާމިޔާބުކޮށް، އެ ރަށަކީ އެ ޕާޓީގެ “ނުގުޑާނެ ކިއްލާއެއް” ކަން އަނެއްކާ ވެސް ސާބިތުކޮށްދީފިއެވެ.
މި އިންތިޚާބުގައި އަލިފުށީ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވީ އެމްޑީޕީގެ ޢަލީ ޝާހިދެވެ. އޭނާ ވަނީ 941 ވޯޓާ އެކު %62.61 ގެ ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވާފައެވެ. މިއީ ސަރުކާރު ހިންގާ ޕީއެންސީއަށް މި ރަށުން ލިބުނު ބޮޑު ނާކާމިޔާބީއެކެވެ.
ކައުންސިލްގެ މެންބަރުކަމަށް އިންތިޚާބުވި ޢަބްދުއްސަމީޢު އާއި ޢަލީ ރަޝީދުގެ އިތުރުން، އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ދެ ގޮނޑި ވެސް ކާމިޔާބު ކުރީ އެމްޑީޕީގެ ލަތީފާ މުޙައްމަދު އާއި ނޫރުލް ހުދާ މުމްތާޒެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމާއި ހުރިހާ މެންބަރުންގެ ގޮނޑި ވެސް އެމްޑީޕީން ނެގުމުން، އަލިފުށީގެ އެއްވެސް ގޮނޑިއެއް އިދިކޮޅު ފަރާތްތަކަށް ކާމިޔާބެއް ނުކުރެވުނެވެ.
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބޮޑު ބަދަލެއް ފެނިގެންދިޔަ އިންތިޚާބެކެވެ. ޚާއްސަކޮށް، ބޮޑެތި ސިޓީތަކާއި އާބާދީ ބޮޑެތި ރަށްރަށުގެ ނަތީޖާ އިން ފެނިގެންދިޔައީ ސިޔާސީ މައި ދެ ޕާޓީގެ މެދުގައި އޮތް ވާދަވެރިކަން ވަރަށް ބޮޑަށް ހަމަހަމަވެފައިވާ ތަނެވެ.

