
މިދިޔަ މަހުގެ 26ވަނަ ދުވަހު ހުޅުމާލޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެއެވެ.
ސްޓެލްކޯގައި ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 43 އަހަރުގެ އަޙުމަދު އަޒްމީލް ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި އަޒްމީލްގެ ހަށިގަނޑުގެ އެކި ތަންތަން ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އޭނާއަށް ފުރަތަމަ ފަރުވާދިނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. އެއަށް ފަހު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދިނުމަށް ފަހު، އަޒްމީލް ބެންކޮކް ހޮސްޕިޓަލަށް އިތުރު ފަރުވާއަށް ބަދަލުކުރީ މިމަހުގެ 1ވަނަ ދުވަހުއެވެ.
އަޒްމީލް ވަނީ ސްޓެލްކޯއަށް 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައި ކަމަށް އެ ކުންފުނިން ބުނެއެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ. pic.twitter.com/oLlYmJKNus
— STELCO (@STELCOMALDIVES) December 11, 2025

