
އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. އެ ބިލުގައި، ގާނޫނުއަސާސީއަށް ހުށަހެޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި، އަތޮޅު ކައުންސިލް ވުޖޫދު ކުރުމާއި، އެކުލެވިގެންގާ ގޮތް ބަޔާން ކުރުމާއި، އަތޮޅު ކައުންސިލްތައް އިންތިހާބު ކުރަން ވޯޓު ނަގަން ޖެހޭ ގޮތަށް ބަޔާންކޮށްފައި އޮތް ބައި އުނިކުރުން ހިމަނާފައިވެ އެވެ.
އެ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ 75 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ އެމްޑީޕީގެ 12 މެންބަރުންނެވެ.
ބިލު ފާސްކުރިޔަސް، ބިލަށް އަމަލުކުރަން ފަށާނީ ދެން އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު އެވެ. މާނައަކީ އަތޮޅު ކައުންސިލްތައް އުވޭނީ މިހާރު ހިނގާ ދައުރު ނިމުމުންނެވެ.
ގާނޫނުއަސާސީއަށް ޝުޖާއު ހުށަހެޅުއްވި އަނެއް އިސްލާހަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ އެ މެންބަރުންގެ ގޮނޑިއާމެދު، މެންބަރުގެ ދާއިރާގެ މެންބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. އެބައި ވަނީ ބިލު ދިރާސާކުރިއިރު ކޮމެޓީ މަރުހަލާގައި އުނިކޮށްފަ އެވެ.

