އަތޮޅު ކައުންސިލުތައް އުވާލައި، އާބާދީއަށް ބަލައި ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެމްބަރުންގެ އަދަދު ކަނޑައަޅަން ނިންމަވާފައިވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
“ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގެ ހަ ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހު ގެންނައިރު، އަތޮޅު ކައުންސިލުގެ ނަމުގައި ވަކި ކައުންސިލެއް ނުބާއްވާ ގޮތަށް ހުށަހަޅަން ވިސްނާފައިވާ ކަމަށެވެ. ރާއްޖޭގައި މިހާރު އޮތް ނިޒާމަކީ ރައްޔިތުން ހޮވާ މީހުން ނުވަތަ ވެރިން ތިބެގެން ހިންގާ ނިޒާމު ކަމަށެވެ.
ނިޒާމު އޮންނަ ގޮތުން އަތޮޅު ހިންގަން ވަކި ކައުންސިލެއް މިހާރު އިންތިހާބުކުރާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވި ގޮތުގައި އަތޮޅު ކައުންސިލުގެ ރައީސަކު ހޮވާފައި، ރަށު ކައުންސިލުތަކުގެ ރައީސުން އަތޮޅު ކައުންސިލަށް އަންނަ ގޮތަށް އޮތުމުން އެކި މައްސަލަތަކާ ކުރިމަތިލާ ޖެހޭ ކަމުގަ އެވެ.
“ދެން މިއީ ކައުންސިލް. އަތޮޅުގެ ކައުންސިލް. ދެން މީގައި މިވާ ގޮތަކީ، އަތޮޅު ކަމެއްގައި މަޝްވަރާ ކުރަން ބައްދަލުކުރިޔަސް، އެ ރަށެއްގެ މަސްލަހަތު، އެ ރަށެއްގެ ކައުންސިލް ރައީސަށް މި އިސްކުރެވެނީ. އެހެންތާ ވާނީ، އޭނައަކީ ވަކި ރަށެއްގެ ކައުންސިލް ރައީސް. މުޅި އަތޮޅާ ބެހޭގޮތުން ވާހަކަ ދެއްކޭވަރު، އޮބްޖެކްޓިވްލީ ވަކިއަތަކަށް ނުޖެހި ދެއްކޭވަރު ކުޑަ،” ރައީސް ވިދާޅުވި އެވެ.
އެކަމުގެ އިތުރުން ކައުންސިލަރުންނަށް އެއްތަނަކަށް ދެވޭ ގޮތް ނުވާތީ އަތޮޅު ކައުންސިލުގެ ބައްދަލުވުންތައް ގިނަ ފަހަރު ބާއްވަން ޖެހެނީ އޮންލައިންކޮށް ކަމަށެވެ. ހަރަދު ގޮތުންނާ އަދި އެހެނިހެން ގޮތްގޮތުން ބެލި ނަމަވެސް އެކަމުގައި ނުރަނގަޅު އެތައް ކަމެއް އެބަހުރި ކަމުގައި ފާހަގަކުރެއްވި އެވެ.
“ދެން މި ހުރިހާ ގޮތަކުން ބަލާއިރު ވެސް، އަތޮޅު ކައުންސިލުތައް ނޯންނަ ގޮތަށް ހަދަން އަޅުގަނޑުމެން މި ހުށަހަޅަނީ. ދެން އެހެންނަމަވެސް، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް ހަމަ ހުންނާނެ،” ރައީސް ވިދާޅުވި އެވެ.
އެ ބަދަލާ އެކު، އާބާދީގެ ނިސްބަތަށް ބަލައި ކައުންސިލުތަކުގެ ސައިޒް ކުޑަކުރާ ގޮތަށް ހުށަހެޅުމަށް ނިންމަވާފައިވާ ކަމުގަ އެވެ. އެގޮތުން އިސްލާހު ހުށަހަޅުއްވާ ގޮތަކީ:
- ދެ ހާހަށް ވުރެ ކުދި އާބާދީތަކުގައި ތިން ކައުންސިލަރުން
- ދެ ހާހަށް ވުރެ ބޮޑެތި އާބާދީތަކުގައި ފަސް ކައުންސިލަރުން
- ސިޓީ ކައުންސިލުތަކުގައި މިހާރު ތިބި އަދަދަށް ވުރެ ކައުންސިލަރުންގެ އަދަދު އިތުރު ނުކުރުން
ރައީސް ވިދާޅުވި ގޮތުގައި އެ ބަދަލުތަކާ އެކު ކައުންސިލުތަކުގެ ހިންގުން ވަރަށް ބޮޑުތަނުން ހަރުދަނާވާނެ ކަމުގަ އެވެ. ކައުންސިލަރުންގެ އަދަދު އިތުރުވުމާ އެކު ބައެއް ރަށްރަށުގައި ކައުންސިލަރުން ބޭކާރުވެފައި ތިބޭ ކަމުގަ އެވެ.
ރަށުގައި ގާއިމުވެ ތިބޭ މީހުންގެ އަދަދު ސަތޭކަ ހަމަނުވާ ރަށްރަށުގައި ފަސް ކައުންސިލަރުން ތިބެން ޖެހުމުން ބައެއް ކައުންސިލަރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ބަދަލުގައި އުޅެނީ މަހަށް ދިއުން ނުވަތަ އަމިއްލަ ވިޔަފާރިއެއްގެ ތެރޭގައި ކަމުގަ އެވެ.
“ހަމަ ވަރަށް ހަރަދު ބޮޑު ނިޒާމެއް މިއީ. އަދި ރައްޔިތުންނަކަށް އެއިން ކުރާ ފައިދާއެއް ވެސް ނެތް. ހަރަދު ކުރެވިދާނެ، އެއިން ފައިދާ ވަންޏާ. ވާންވާނެ ފައިދާ. އެހެންނަމަވެސް، ރައްޔިތުން މި ނިޒާމު ބަލައެއް ނުގަނޭ. މިހާ ގިނަ ކައުންސިލަރުންތަކެއް ލައިގެން،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކައުންސިލަރުންގެ އަދަދު މަދުކުރާއިރު، ޑަބްލިއުޑީސީތައް ހަމަ އެގޮތަށް ކުޑަވާނެ ކަމަށެެވެ. އެގޮތުން މެމްބަރުންގެ އަދަދު ތިނަކަށް ނުވަތަ ފަހަކަށް ކުޑަވާނެ ކަމަށެވެ. އޭގެ އިތުރަށް ރަށު ކައުންސިލުގެ ރައީސް ނުވަތަ ރައީސާ ގޮތަށް، ޑަބްލިއުޑީސީގެ ރައީސާއަކީ ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރާ މީހަކަށްވާ ގޮތަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.
ޕޮޑްކާސްޓުގައި ރައީސް ވަނީ ކައުންސިލުތަކުން މިހާރު އަންހެނުންނަށް ހާއްސަކޮށްފައިވާ 33 އިންސައްތައިގެ ބަދަލުގައި އެ އަދަދު 40 އިންސައްތައަށް ބޮޑުކުރަން ނިންމަވާފައިވާކަން ފާހަގަކުރައްވާފަ އެވެ.