ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ރަސްމީކޮށް އުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސަރުކާރުގެ ގެޒެޓުގައި މި ކަން ޝާއިއުކޮށްފައިވެ އެވެ.
އެމްޓީޑީ އުވާލީ ގާނޫނު ލާޒިމުކުރާ ވަރަށް އެ ޕާޓީގައި މެންބަރުން ނެތުމުން، މެންބަރުން ހަމަކުރުމަށް ކޮމިޝަނުން ދިން މުއްދަތުގައި ހަމަނުވުމުންނެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ޕާޓީ އެއްގައި މަރުވެގެން 3000 މެންބަރުން ހަމަވާން ޖެހެ އެވެ.
އަދީބު ސިޔާސީ ގޮތުން މަގުބޫލު ވާން ފެށީ ކުރީގެ ރައީސް މުހައްމަދު ވަހީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރުގަ އެވެ.
އަދީބު ވަނީ އޭރު ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވައިފަ އެވެ. ޔާމީނުގެ ސަރުކާރުގައި އަދީބުގެ ނުފޫޒު ގަދަވެ އޭރުގެ މަޖިލިސް މެދުވެރިވެގެން ޔާމީނުގެ ނައިބު ރައީސް ކަމަށް ވެސް ވަޑައިގެންނެވި އެވެ.
އޭރުގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި އިރު އެ ހިޔާނާތުގެ މުގުލުގައި ވެސް ހުންނެވީ އަދީބެވެ.
ޔާމީން ދަތުރު ކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބު ހައްޔަރުކޮށް އެ މައްސަލައާއި ހިޔާނާތުގެ މައްސަލާގައި ދިގު މުއްދަތުތަކުގެ ހުކުމެއް އޭރުގައި ކުރި އެވެ. ވެރިކަން ބަދަލުވެގެން އަދީބުގެ ޝަރީއަތްތައް އަލުން ފަށައިގެން ހުކުމެއް ކުރި އެވެ.
އެމްޓީޑީ އުފެއްދީ ޔާމީނުގެ ވެރިކަން ނިމި، މަހެއް ފަހުން ޑިސެމްބަރު 2018ގަ އެވެ. ނަމަވެސް އެ ޕާޓީއަކަށް މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ.
އަދީބަށް ހުކުމްކުރި ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަހު އަދީބަށް މައާފު ދެއްވުމުން އޭނާ މިނިވަންވެ މިހާރު ވަނީ ރާއްޖޭން ބޭރަށް ވަޑައިގެންފަ އެވެ.