އަމިއްލައަށް ރޯދަ އާއި އީދު އިއުލާނުކުރުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ދުވަހަކަށް ވަނީ މި މަހުގެ 31 ވާ ހޯމަ ދުވަހެވެ. އެހެން ނަމަވެސް އާންމުންގެ ގިނަ ބަޔެއްގެ އިތުބާރު ހޯއްދަވާފައިވާ ފަލަކީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ލަފާކުރައްވަނީ ފިތުރު އީދު ދުވަހަކަށް ވާނީ 30 ވާ އާދިއްތަ ދުވަސް، މާދަމާ ކަމަށެވެ.
މައުމޫން ވިދާޅުވަނީ ހިޖުރީ މަހެއް ފެށުމަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމު ނޫން ކަމަށެވެ. އިރުއޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާ ނަމަ އާ މަހެއް ފެށުނީ ކަމަށެވެ.
މައުމޫން އެހެން ވިދާޅުވެފައިވީ ނަމަވެސް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދުގެ ހިޔާލު އެކަމުގައި ތަފާތެވެ. ޝައްވާލު މަހުގެ ހަނދާ ގުޅޭގޮތުން އަމިއްލަ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުގައި މާދަމާއަކީ އީދު ދުވަހަކަށް ނުވާނެ ކަމުގަ އެވެ. ފަލަކީ ހިސާބުތަކަށް ބުރަވާއިރު، ފެނިވަޑައިގަންނަވާ ގޮތުގައި އީދު ވާނީ ހޯމަ ދުވަހަށް ކަމުގަ އެވެ. އެގޮތަށް ލަފާކުރައްވާ ސަބަބަށް ވަރަށް ތަފުސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައިވެ އެވެ.
ޝައްވާލު މަހުގެ ހަނދާ ގުޅޭގޮތުން އެ ދެ ބޭފުޅުންގެ ހިޔާލު ދެކަފިވުމާ ގުޅިގެން އެ މައުލޫގައި އާންމުންގެ ގިނަ ބަޔަކު ވެސް ދަނީ ވާހަކަ ދައްކަމުންނެވެ.
މީޑިއާތަކާ މިއަދު ހިއްސާކުރެއްވި މެސެޖެއްގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ ތަރިރުހަނދާއި ގުޅިގެން ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސްކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެކަން ކުރަން ވާނީ އާންމު މަސްލަހަތަށް އަސަރު ނުކުރާ ގޮތަށް ކަމަށެވެ.
“ހާއްސަކޮށް ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުއީ އަޙްކާމްތަކެއް ތަރުތީބުވާ ކަންތައްތަކެއް ކަމުން މި ކަމުގައި ރައްޔިތުންނަށް އޮޅުންއަރައި ޝައްކު އުފެދޭ ގޮތަށް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަ ދެއްކުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް،” ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން ޝަރުއީ ހަމަތަކާއި ރާއްޖޭގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކުގެ މަތިން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމުގަ އެވެ.
އެއްވެސް ފަރާތަކުން އަމިއްލަ އަމިއްލައަށް ރޯދަ އިއުލާނުކުރުމާއި އީދު އީދު އިއުލާނުކުރުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް ކަމުގައި ފާހަގަކުރެއްވި އެވެ.
ވުމާ އެކު އެ ކަމަށް ސަމާލުވުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް އިސްލާމިކް މިނިސްޓްރީން ބާއްވާ ބައްދަލުވުން އޮންނާނީ މިރެ އެވެ. ބައްދަލުވުމުގައި ފިތުރު އީދު ވާނެ ދުވަސް ރަސްމީކޮށް ކަނޑައަޅައި އިއުލާނުކުރާނެ އެވެ.