މައްސަލަތަކުގައި އަވަހަށް މައުލޫމާތު ހިއްސާކުރަން ފުލުހުންގެ އުސޫލުތައް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލަައްވައިފި އެވެ.
ފުލުހުންގެ ހިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނަށް ރައީސް މިފަދަ އިލްތިމާސެއް ކުރެއްވީ މި ފަހުން ފުލުހުން ކުރަމުންދާ ތަހުގީގުތަކާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާފައިވާ ދަނޑިވަޅެކެވެ.
ރައީސް މުއިއްޒު މިރޭ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ މުއައްސަސާއަކަށްވާން ޖެހޭތީ އިތުރަށް ވެސް ރައްޔިތުންނާ ގާތް ވާން ޖެހޭ ކަމަށެވެ. އެ ގޮތުން ފުލުހުން ކުރާ މަަސައްކަތްތައް ރައްޔިތުންނަށް އެނގެން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރަށް ވުރެ ވެސް ގާތުން ދެފުށް ފެންނަ ގޮތެއްގައި އަވަސް މިނުގައި ފުލުހުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
“މިހާރު އަމަލުކުރަމުންދާ ތިބޭފުޅުންގެ ތެރޭގައި ހުންނަ އެކިއެކި އުސޫލިތަކަށް ޕްރޮސީޖާތަކަށް ބަދަލުތައް ގެންނަން ޖެހޭ. މައުލޫމާތު ހިއްސާކުރުމާއި ނުކުރުމުގެ ތަފާތު އިންތިހާއަށް ބޮޑު. މި މުއައްސަސާއަށް ރައްޔިތުންގެ ތެރޭހައި އޮންނަން ޖެހޭ އިތުބާރު އޮންނަން ޖެހޭ މިންވަރަށް ގާއިމުކުރުމުގައި މި ދެންނެވި ކަންތައް އެއީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް,” ރައީސް ވިދާޅުވި އެވެ.
“އަޅުގަނޑު އެދެނީ ކަމެއް ދިމާވުމަށް ބަލަން ފަށާ މައްސަލައެއްގައި.އެއީ ވެދާނެ ކޮންމެ ފަދަ މައްސަލައަކަށް ވެސް. އެ ވެދާނެ މާރާމާރީއަކަށް ވެސް. ނޫނިއްޔާ އެހެން ފަދަ ކަމަކަށް ވެސް. ކޮންމެ ފަދަ ކަމެއްވެސް ދިމާވެެގެން އެކަމަކަށް އެޓެންޑްވެ އެ މައްސަލަ ބަލަން ފަށާ ހިސާބުން ފުރަތަމަވެސް ރައްޔިތުންނާ މައުލޫމާތު ހިއްސާކުރާ ގޮތަށް ޕްރޮސީޖާ ބަދަލުކުރަން އަޅުގަނޑު އެެދެން,” ރައީސް ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ފަތިސް ވަގުތެއްގައި މާލޭގެ އިމާރާތަކުން ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހާދިސާ ހިނގުމުގެ ކުރިއަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގެއެއްގައި ޒުވާނުންގެ ހަރަކާތެއް ހިނގާފައިވާ އިރު އެ މައްސަލަ ވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ރެއާއި މިރޭ ވެސް ޒުވާނުންގެ ގިނަ ބަޔަކު ވަނީ މާލޭގައި މުޒާހަރާ ވެސް ކޮށްފަ އެވެ.
އެގޮތުން ކަމަކާ ގުޅިގެން މައްސަލައެއް ބަލަން ފަށިކަން ހާމަކޮށް އެ މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ލިބެމުންދާ ވަރުން ހާމަކޮށްދޭނެކަމަށް ފުރަތަމަވެސް ބަޔާންކޮށްދިނުމަށް ރައީސް ފުލުހުންނަށް އިލްތިމާސްކުރެއްވި އެވެ.
ދެފުށް ފެންނަ ގޮތަށް ކަންކަން ރައްޔިތުންނާ ހިއްސާކުރުމުން ރައްޔިތުންނަށްް ވެސް އަދި ފުލުހުންނަށް ވެސް އޭގެ ހިތްހަމަ ޖެހުން ލިބޭނެެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
“ތި ބޭފުޅުން ކުރައްވާ މަސައްކަތް އެ މަސައްކަތުގެ އަގު ވައްޓާލައި ރައްޔިތުންގެ ކުރިމަތީގައި މި މުވައްސަސާގެ އަގު ވައްޓާލަން ކުރާ މަސައްކަތުގެ ހުރަހަކަށް ވާނީ މައުލޫމާތު ހިއްސާކުރުމުގައި އަވަސްވެ ގަތުން” ރައީސް ވިދާޅުވި އެވެ.