އައްޑޫ ސިޓީން ވިޔަފާރިއަށް ގިނަ އަދަދެއްގެ ބިން ދޫކުރަން ނިންމައި އެ ތަންތަން ކުއްޔަށް ހިފުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލްއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އައްޑޫގެ ހިތަދޫ އަވަށުން 19 ބިމެއް ފަރުދުންގެ ވިޔަފާރިއާއި ކުންފުނި އަދި ޕާޓްނާޝިޕްތަކަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.
ބިންތައް ކުއްޔަށް ދޫކުރަން ނިންމާފައިވާ ވިޔަފާރިތަކުގެ ތެރޭގައި އާންމު ވިޔަފާރި، ކެފޭ ރެސްޓޯރެންޓް، ގާ އެޅުން، ހެވީ/ލައިޓް އިންޑަސްޓްރިއަލް ފަދަ ވިޔަފާރިތައް ހިމެނެ އެވެ.
އޭގެ ތެރޭގައި 1500 އަކަ ފޫޓުން ފެށިގެން 30،000 އަކަފޫޓުގެ ބިންތައް ހިމެނެ އެވެ. އޭގެ ތެރެއިން 14 ބިމެއް ދޫކުރަން ނިންމާފައި ވަނީ ހެވީ/ލައިޓް އިންޑަސްޓްރިއަލް ފަދަ ވިޔަފާރިތަކަށެވެ.
އައްޑޫ ސިީޓީ ކައުންސިލްއިން ބުނީ ބިންތައް ދޫކުރާނީ ބީލަމުގެ އުސޫލުން ކަމަށާއި އަދި ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
ބީލަމުގައި ރަޖިސްޓްރީވުމަށް ތިން ސަތޭކަ ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ވެސް ދައްކަން ޖެހޭނެ އެވެ.