ގަވާއިދާ ހިލާފަށް އައްޑޫ ސިޓީގައި އުޅޭ ބިދޭސީން ގާނޫނީ މަގަށް އެޅުވުމަށް “އޮޕަރޭޝަން ހަމަމަގު” ގެ ނަމުގައި އެ ސިޓީގައި ކުރިއަށް ގެންދިޔަ ހާއްސަ ރެއިޑު އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް އުޅުނު 83 މީހަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ރެއިޑު އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.
އެގޮތުން އައްޑޫއަށް ހާއްސަކޮށް “އޮޕަރޭޝަން ހަމަމަގު” ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށެވެ. އެ އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އައްޑޫގައި އުޅޭ ބިދޭސީން ގާނޫނީ މަގަށް އެޅުވުމަށް ކުރެވޭ ހާއްސަ މަސައްކަތެެއް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. އައްޑޫއަކީ އާބާދީ ބޮޑު އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވަމުން އަންނަ ތަނެއް ކަމަށާއި ރެއިޑު އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މުޅި އެ ސިޓީއަށް އަމާޒުކޮށްގެން ކަމުގައި އެ އިދާރާއިން ފާހަގަކޮށްފައިވެ އެވެ.
“އޮޕަރޭޝަން ހަމަމަގު” އާ ގުޅޭގޮތުން “އެކްސް” ގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަނުގައި 678 ބިދޭސީންގެ ލިޔެކިޔުންތައް ބަލާފައިވާ ކަމަށެވެ. އޭގެ ތެރެއިން ވިސާގެ މައްސަލަތައް ހުރި 83 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ މީހުން ރާއްޖެއިން ފުރުވާލުމުގެ ކުރިން ގެނެސް ބައިތިއްބާނީ މާލޭގެ ޑިޓެންޝަން ސެންޓަރުގަ އެވެ.
އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވައި މަސައްކަތް ކުރުވި 75 ފަރާތަކަށް ނޯޓިސް ދީފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި ޓާސްކް ފޯހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަނާއި އައްޑޫ އިމިގްރޭޝަން އޮފީހުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ހިމެނޭހެން ޖުމްލަ 35 އޮފިސަރުން ބައިވެރިވި ކަމުގަ އެވެ. އައްޑޫގައި ތިބޭ ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ވެސް ބައިވެރިވި އޮޕަރޭޝަނަކީ މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު ކަމުގައި ފާހަގަކުރި އެވެ.
އެ އިދާރާގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި މިފަދަ އޮޕަރޭޝަންތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކޮށް، ދީފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެ ފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމުގައި އިމިގްރޭޝަނުން ބުނެ އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން 151،694 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް އަދާހަމަކޮށްފައިވާ ކަމަށް މިފަހުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފަ އެވެ.