އުރީދޫން އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމާފައިވާ “ފަން ރަން 2025” ގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އުރީދޫ ފަން ރަންއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް މީހުންނެއް ބައިވެރިވާ، އިޖުތިމާއީ އަދި ދުޅަހެޔޮކަމުގެ އީދެކެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ދުވުމުގައި 6،500 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.
އައްޑޫގެ މަރަދޫގައި މި މަހުގެ 27 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިރޭ 11:59 އަށް ހަމަވާނެ އެވެ. މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް “މޫލީ” މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.
ފަން ރަންގެ ބައިވެރިންނަށް ދެ ކިޓް އޮޕްޝަނެއް އިހުތިޔާރު ކުރެވޭނެ އެވެ. އެއީ:
- ފަން ކިޓްސް – 210 ރުފިޔާ: ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބަނޑާނާއެއް
- ސްޓޭންޑާޑް ކިޓްސް – 110 ރުފިޔާ: ފަން ރަން ޓީޝާޓާއި ރިސްޓް ބޭންޑެއް
މި ހަރަކާތަކީ ހަ އަހަރުން މަތީގެ ހުރިހާ އެންމެނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ އާއިލާ އާއި ރައްޓެހިންނާ އެކު ބައިވެރިވެ، ހިތްގައިމުކަމާ އެކު ގުޅުން ބަދަހިކުރެވޭނެ ރަންއެކެވެ. އައްޑޫ ސިޓީގެ މަގުތަކަށް ކުލަ އާއި އުފާވެރިކަމާއި ހަކަތަ ގެނެސްދޭނެ އީދަކަށް މި ދުވުން ވާނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ ފަން ރަންއަކީ ފިޓްނަސް އަދި މަޖަލާ އެކުގައި ބާއްވާ އެންމެ އުފާވެރި ފަސް ކިލޯމީޓަރުގެ ދުވުމެކެވެ. އެ ކުންފުނިން ބުނީ ދުވުންތެރިންނަށް މަގުމަތީގައި ކުލަ ޖެހުމާއި މިއުޒިކާ އަދި އިންފްލެޓޭބަލް ސްޓޭޝަންތަކާ އެކު ކުރިއަށްދާ މި ދުވުމަކީ އާއިލާތަކާއި ރައްޓެހިން ގުޅާލައި، އެކުގައި އުޅެވޭނެ ކާނިވަލެއް ފަދަ މާހައުލެއް ގާއިމުކުރެވިގެންދާނެ ފަދަ ދުވުމެއް ކަމަށެވެ.
އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ މި ދުވުމުގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އެގޮތުން:
- އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ
- މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެ