
އައު އަހަރަށް ފުލުހުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަން “ރިވެލި” ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ނެރެފައިވާ ބަޔާނެއްގައި ބުނީ، އައު އަހަރަށް ފުލުހުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަން “ރިވެލި”، އިއްޔެ ފަށާފައިވާ ކަމަށާއި މި އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ގިނަ ޢަދަދެއްގެ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަމުން ދާނެކަމަށެވެ. އަދި މި އޮޕަރޭޝަނުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ވީސީޕީ ޤާއިމްކޮށް، މީހުންނާ ސުވާލުކުރުމާއި އުޅަނދުތައް ޗެކްކުރަމުންދާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އައު އަހަރާ ދިމާކޮށް ކޮންމެ އަހަރަކުވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ އޮޕަރޭޝަން ''ރިވެލި'' ފެށުމާ ގުޅޭ pic.twitter.com/pupcUxCDKn
— Maldives Police (@PoliceMv) December 24, 2025
މީގެ އިތުރުން މި އޮޕަރޭޝަނުގެ ތެރެއިން ޚާއްޞަ ސަމާލުކަމެއް ދީގެން ވައްކަމާއި ފޭރުން ހުއްޓުވުމާއި، ބަނގުރަލާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކާއި ސައިލެންސަރު މޮޑިފައިކޮށް، އަޑުގަދަކޮށް އުޅަނދުތައް ދުއްވާފަރާތްތަކަށް ފާރަވެރިވާނެ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ހަމައެހެންމެ، އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފަށް އުޅޭ މީހުން ހުއްޓުވައި، ފިޔަވަޅު އަޅަންޖެހޭފަދަ ޙާލަތެއްނަމަ، ފުލުހުންގެ ޤާނޫނުގެ ތެރެއިން ފިޔަވަޅުތައް އަޅާނެކަމަށް ވެސް ފުލުހުން ބުނެއެވެ.
ކޮންމެ އައު އަހަރަކާ ދިމާކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންގެ ޚިދުމަތުން އޮޕަރޭޝަންތައް ހިންގައެވެ.

