
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ނުދީގެން ހުށަހެޅި މައްސަލައަކާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން ތާވަލުކުރި ބައްދަލުވުމަކަށް ހާޒިރުނުވި މައްސަލައިގައި އެ މިނިސްޓްރީ ޖޫރިމަނާކޮށްފިއެވެ.
އައިކޮމްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މައުލާުމާތު ހޯދަން ހުށަހެޅި ދެ ހުށަހެޅުމަކަށް އިސްލާމިކް މިނިސްޓްރީން ޖަވާބުދީފައިނުވާތީ އޭގެ ޝަކުވާ އެ އިދާރާއަށް ހުށަހެޅި ކަމަށެވެ.
އެހެންވެ އެ ދެ ޝަކުވާ ބެލުމަށްޓަކައި ބައްދަލުވުމެއް މިދިޔަ އަންގާރަ ދުވަހަށް ތާވަލުކުރި ކަމަށާއި އެ ބައްދަލުވުމަށް ހާޒިރުނުވެވޭނެކަން އަންގައި ބައްދަލުވުން ފަސްކޮށްދޭން މިނިސްޓްރީން އެންގި ކަމަށެވެ. އެހެންވެ އެ ބައްދަލުވުން އިއްޔެއަށް ތާވަލުކުރުމުން ދެން ވެސް ހާޒިރުނުވެވޭނެކަން އަންގައި ބައްދަލުވުން ފަސްކޮށްދޭން އެދުނު ކަމަށް އައިކޮމްއިން ބުންޏެވެ.
އަދި އެ ބައްދަލުވުން މިއަދު ބާއްވަން ތާވަލުކުުރި ކަމަށާއި ނަމަވެސް މިއަދުގެ ބައްދަލުވުމަށް ހާޒިރުނުވެ ނައި ސަބަބުވެސް މިނިސްޓްރީން ނޭނގި ކަމަށް އައިކޮމްއިން ބުންޏެވެ.
އެހެންވެ އިސްލާމިކް މިނިސްޓްރީގެ އަމަލަކީ އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ހުރަސް އެޅުން ކަމަށް އައިކޮމްއިން ބުންޏެވެ.
އެހެންވެ އިސްލާމިކް މިނިސްޓްރީ 700ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް އައިކޮމްއިން ބުންޏެވެ.

