މިދިޔަ ސަރުކާރުގައި ސޯޝަލް ހައުސިން ސްކީމްތައް ބެލެހެއްޓި ކޮމިޓީގެ ޗެއާ, އެ މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން އަނެއްކާ ވެސް ހިފަހައްޓައިފި އެވެ.
ފްލެޓު ސްކީމާ ގުޅޭ ގޮތުން އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން އަމުރުކުރީ މިދިޔަ ޑިސެމްބަރު 20ގައި އެއް މަސް ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން އަނެއްކާ ވެސް މަސް ދުވަހަށް ޕާސްޕޯޓް ހިފަހައްޓާފައި ބޭއްވުމަށް އަމުރުކުރި އެވެ.
އަކްރަމް އެ މައްސަލަ އިސްތިއުނާފްކުރުމުން މިދިޔަ އޭޕްރީލް މަހު ހައިކޯޓުން މައްސަލަަ ނިންމި އަކްރަމްއާ އެއްކޮޅަށެވެ.
އަކްރަމް މިއަދު “ދެން”އަށް ވިދާޅުވީ އަނެއްކާވެސް އޭސީސީން އެދިގެން މިދިޔަ މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެރެފައިވާ ކަމަށެވެ.
މި ފަހަރު ވެސް 30 ދުވަހަށް ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފްކުރައްވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އެ މައްސަލައިގައި އަކްރަމް ވަނީ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފްއަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.
އެ ސިޓީގައި އަކްރަމް ވިދާޅުވީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައިކޯޓުން ބާތިލުކުރި ފަހުން ޕީޖީން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ވެސް ކޮށްފައި ނެތް ކަމަށެވެ.
އެހެން ނަމަވެސް އަލުން އޭސީސީން އެެދިގެން ކްރިމިނަލް ކޯޓުގައި އެދިގެން އެފަދަ އަމުރެއް ނެރުވުމަކީ ޕީޖީގެ ބާރުތަކަށް ގޮންޖަހައި ކުޑައިމީސް ކުރުން ކަމަށާއި އަދި އެ އަމުރު ބާތިލުކުރުމަށް ކޯޓަށް ހުށަހަޅައި ދިނުމަށް އަކްރަމް އެދިވަޑައިގެންފައި ވެއެވެ.
.@PGO_MV ގައި މިހާރު ހުންނެވި ޕޮރޮސެކިޔުޓަރ ޖެނެރަލް @abbas_sharyf އަކީ އެއްވެސް އިންސާފުވެރި ކަމެއްނެތް ، އެއްވެސް މިނިވަން ކަމެއްނެތް ބޭފުޅެއް . އެމަނިކުފާނަކީ @MMuizzu ގެ ޓައިޕްރައިޓަރ އެއް ޕަޕެޓެއް ކަން އަޅުގަޑުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން އަލުން ހިފެހެްޓުމާއި ގުޅިގެން… pic.twitter.com/GGZJcc5AoV
— Akram Kamaludeen (@Akramkdeen) June 3, 2025
ނަމަވެސް އައްބާސް އަކްރަމްއަށް ފޮނުވި ސިޓީގައި ވިދާޅުވީ ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ފެންނަނަމަ އެ އަމުރު މުރާޖާކުރަން އެދުމާއެކު އިސްތިއުނާފްކުރަން ވެސް އެދެވޭނެ ކަމަށެވެ.
އަދި ހާއްސަ ހާލަތަކާ ހުރެ ފުރަން ބޭނުންނަމަ ކަމާ ގުޅޭ ލިޔުންތައް ހުށަހެޅުމުން އެކަމާމެދު ޕީޖީ އޮފީހުން ގޮތެއް ނިންމާނެކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓިއިރު ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދިން މައްސަލައިގައި އަކްރަމްއާއެކު ނިމިގެން ދިޔަ ސަރުކާރުގައި އޭރު ހައުސިން މިނިސްޓްރީގެ އިސްވެރިންގެ ގޮތުގައި ތިއްބެވި އިތުރު ތިން ބޭފުޅަކަށް ދައުވާ ކުރަން އޭސީސީން މިއަދު ވަނީ ޕީޖީ އޮފީހަށް ވެސް ފޮނުވައިފަ އެވެ.