ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ދެމުން ގެންދާ ހާއްސަ މެހެމާންދާރީ އާއި ހިދުމަތްތަކަށާ އަދި ފަހިކޮށްދޭ ފަސޭހަތަކަށް، އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނުގެ އިތުރުން ސައުދީ ސަރުކާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.
ރައީސްގެ ރަސްމީ “އެކްސް” އެކައުންޓުން ރޭ އަރަބި ބަހުން ކުރެއްވި ޕޯސްޓުގައި ސައުދީގެ އެ އޯގާތެރިކަން އެމަނިކުފާނު ސިފަކުރައްވާފައި ވަނީ ހިތަށް ވެސް ގެންނަން ދަތި، މަތިވެރި ހިދުމަތްތަކެއްގެ ގޮތުގަ އެވެ. އަދި ހުއްޓުމެއް ނެތި ކުރަމުން ގެންދާ ބުރަ މަސައްކަތެއްގެ ގޮތުގަ އެވެ.
ރައީސްގެ އެ ޕޯސްޓުގައި ސައުދީގެ ރައްޔިތުންނަށް އިސްލާމްދީނަށް ހިދުމަތްކުރުމުގެ ތައުފީގު އަބަދުމެ ދެއްވުން އެދި ދުއާ ކުރައްވައި، މި އިހްސާންތެރި ހިދުމަތުގެ ހެޔޮ ދަރުމަ އާއި ސަވާބު މިންވަރު ކުރެއްވުން އެދިވަޑައިގެންފައިވެ އެވެ.
ސައުދީއަށް ރައްކާތެރިކަން ދެއްވުން އެދި ރައީސްގެ ދުއާގައި، ރަސްގެފާނާއި ވަލީއަހުދަށް ދިގު އުމުރުފުޅަކާއި ފުރިހަމަ ސިއްހަތާއި އާފިޔަތުގެ ނިއުމަތަށް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ހަސަދަވެރީންނާއި ހިޔާނާތްތެރިންނާއި މަކަރުވެރިންގެ ނުރައްކަލުން ސައުދީ ސަލާމަތް ކޮށްދެއްވައި، އެ ގައުމުގައި އަމާންކަމާއި ސިލްމާއި ސަލާމަތު ދަމަހައްޓަވައި، އުފާފާގަތިކަން ދެއްވައި، އިއްޒަތްތެރިކޮށްދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.
ދިވެހި ހައްޖުވެެރިންނަށް ގިނަ ފަސޭހަތައް ސައުދީ ސަރުކާރުން ދަނީ ފަހިކޮށްދެމުންނެވެ. ހާއްސަކޮށް މައްކާ ރޫޓް އިނީޝިއޭޓިވްގައި ހާއްސަ ހުއްދައަކާ އެކު ރާއްޖެ ބައިވެރިކުރުމާ ގުޅިގެން މި އަހަރުން ފެށިގެން ދިވެހި ހައްޖާޖީންނަށް ދަތުރުގެ ބުރަތައް ވަނީ ވަރަށް ބޮޑަށް ލުއިވެފަ އެވެ. އޭގެ އިތުރުން ހައްޖުގެ މަނާސިކުތައް ފުރިހަމަ ކުރުމަށް ހައްޖާޖީން ތިބޭ ތަންތަނުގައި ގިނަ ހިދުމަތްތަކެއް އިތުރަށް ވަނީ ފަހިވެފަ އެވެ.