މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އއ. މާޅޮހު ގެއެއްގައި ނިދާފައި އޮއްވައި ޒަހަމްތަކަކާއެކު ފެނުނު އަބްދުއްރަހްމާން އާދަމް (65އ)ގެ މަރާ ގުޅިގެން އޭނާގެ އާއިލާއާއި ގުޅުންހުރި ފަރާތްތަކާ ސުވާލުކުރަން ފަށައިފި އެވެ.
މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އަބްދުއްރަހުމާނު މަރުވީ މިދިޔަ އާދިއްތަ ދުވަހުގެ ފަތިހު އެވެ. އެ ރަށު ބައެއް މީހުން ކިޔަދިން ގޮތުގައި އަބްދުއްރަހުމާނުގެ ބޮލަށް ހަމަލާދިނުމުގެ ސަބަބުން ބޮލުގެ ބޮޑުބައި ވަނީ ޗިސްވެފަ އެވެ.
އެ މަރާ ގުޅިގެން އަބްދުއް ރަހުމާންގެ ޕޯސްޓް މޯޓަމްވެސް ހަދަން ނިންމައި އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވަން ނިންމާފައިވާ އިރު ފުލުހުންގެ ޓީމެއް ވެސް އެ މައްސަލަ ތަހުގީގުކުރަން މާޅޮހުގައި ދަނީ ހަރަކާތްތެރިވަމުން ނެވެ. ނަމަވެސް އެ މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.
ފުލުހުން މިރޭ މީޑިއާތަކަ ހިއްސާކުރި މެސެޖުގައި ބުނީ އަބްދުއް ރަހުމާން އާދަމްގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން އޭނާގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.