
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް”ސިޔާސަތުގެ ދަށުން ހިންގާ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމަށް އަންނަ އާދީއްތަ ދުވަހު ހުޅުވާލާނެ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރީން ބުނެފިއެވެ.
ސަރުކާރުގެ މި ބޯހިޔާވަހިކަމުގެ ސިޔާސަތުގެ “އާއިލީ ބޯހިޔާވަހިކަން”ޕްރޮގްރާމުގެ ދަށުން މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ކުރިން ނިންމީ މިއަދަށެވެ.
ނަމަވެސް މިއަދު ނެރުނު ބަޔާނެއްގައި މިނިސްޓްރީން ބުނީ ބިމާއި ފްލެޓަށް ގިނަ ބަޔަކު ކުރިމަތިލާނެ ކަމަށް ލަފާކުރެވޭތީ އާއި ހަފްތާ ބަންދާ ދިމާކޮށް ހުޅުވުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމުގައި ދަތިތަކެއް ހުރެދާނެތީ، އާދީއްތަ ދުވަހުގެ ހެނދުނު 9:00ގައި “ހިޔާވަހި ޕޯޓަލް”އާންމުކޮށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
“ބޯހިޔާވަހިކަން އެންމެންނަށް”ސިޔާސަތު ސަރުކާރުން ލޯންޗުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު 16ވަނަ ދުވަހުއެވެ. އެ ސްކީމުގެ ދަށުން ފްލެޓާއި ގޯތި ދޭ އުސޫލުވެސް ސަރުކާރުން ވަނީ އާންމުކޮށްފައެވެ.

