
އަންނަ އަހަރު ނޫސްވެރިކަމުގެ މާސްޓަސް ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.
އެ ޕްރޮގްރާމް ފަށަން ނިންމިކަން ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ހާމަކުރެއްވީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއާއި ޔޫތު މިނިސްޓްރީ އާ ދެމެދު އިސްތިރާޖީ ފަހުމުނާމާއެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގާތްގަނޑަކަށް 90 އިންސައްތަ ނޫސްވެރިންނަކީ ސްކޫލް ނިންމާ ގޮތަށް މި ދާއިރާއަށް ހުރި ޝައުގެއްގެ ބޮޑުކަމުން ނޫސްވެރިކަމަށް ވަދެ، އެ ކަމުގެ ތެރެއިން ދަސްވާ އެއްޗެއްގެ ތެރެއިން ބޮޑުވަމުން އަންނަ ކުދިން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެގޮތަށް ނޫސްވެރިކަމަށް ނުކުތުމަކީވެސް މުޅިން ގޯސް ގޮތެއް ނޫން ކަމަށާއި އެހެން ނަމަވެސް ނޫސްވެރިކަމާއި ގުޅުންހުރި ޕްރޮގްރާމުތަކާއި ކޯސްތަކުގައި ނޫސްވެރިން ބައިވެރިވުމަށް ވެސް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.
“މި ޕޮރޮގުރާމުތަކުގައި ބައިވެރިވާށޭ، ތިބޭފުޅުންނަށް ދަސްވާ އެއްޗެހި ތަފާތު ވާނެ، ތިބޭފުޅުންނަށް އެނގޭ މިންވަރު ތަފާތު ވާނެ، ތިބޭފުޅުން ކޯސް ނިންމާފައި ދެން ޖެހިގެން އަންނަ ދުވަހު ޕްރެކްޓިސް ކުރާ އެއްޗާއި ލިޔާ އެއްޗާއި ހަމަ ތަފާތުވާނެ.” މިނިސްޓަރ ވިދާޅުވިއެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ އާއިޝަތު ޝެހެނާޒު އާދަމްއާ ހަވާލާދެއްވާ، މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ނޫސްވެރިކަމުގެ މާސްޓަސް ޕްރޮގްރާމެއް ފެށުމުގެ މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.
ކުރު ކޯސްތަކާއި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުގެ އިތުރުން ޑިގްރީ، މާސްޓާސް އަދި ފައުންޑޭޝަން ކޯސްތަކުގައި ބައިވެރިވުމަށް އިލްތިމާސްކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ ފަރާތުން ކޯސް ފީއަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، ކޯސްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ވެސް ހިމެނޭ ގޮތަށް، މިކަމުގައި ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިއަދު އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްއާއި އެކު އެއްބަސްވެވުނު ކަންތައްތަކުގެ ތެރެއިން ފަސް ޕްރޮގްރާމެއް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އަދި އެ ފަހުނާމާގެ ސަބަބުން މިނިސްޓްރީއާއި ޔުނިވާސިޓީގެ މަސައްކަތްތަކަށް އައު ހަލުވި ކަމެއް ލިބި ގައުމީ ތަރައްގީއަށް ދެމެހެއްޓެނިވި ބަދަލުތަކެއް ގެނެވޭނެކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.
އަދި އެ ފަހުނާމާގެ ދަށުން ޔުނިވަރސިޓީން ފޯރުކޮށްދޭނެ ހިދުމަތްތަކުގެ ތެރޭގައި މިނިސްޓްރީން ހިންގާ ޓްރެއިނިން ޕްރޮގްރާމްތަކުގައި ޔުނިވަރސިޓީގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަން ދިނުން ހިމެނެއެވެ. އަދި ކޮލެޖު އޮފް ޓްރެއިނިން ސެޝަން ހިންގުމަށާއި ޕްރޮގްރާމްތަކަށް ގާބިލް ފެސިލިޓޭޓަރުން ނެގުމަށް އެހީތެރިވެދިނުން ވެސް ހިމެނެއެވެ.
އަދި ހަމައެހެންމެ މިނިސްޓްރީން ފޯރުކޮށްދޭނެ އެހީތެރިކަމުގެ ތެރޭގައި ޔުނިވަރސިޓީގެ ޕްރޮގްރާމްތަކަށް ބައިވެރިން ހޯދުމުގައި އެހީތެރިވުމާއި މީޑިއާ އާއި ގުޅުންހުރި ޕްރޮގްރާމްތަކުގެ ކޯސްތަކުގެ ފީގެ ވަކި ނިސްބަތެއް ދެއްކުމުގައި ބައިވެރިވުން ހިމެނެއެވެ.

