
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުން އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ މިއަހަރަށް ފާސްކޮށްފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށްވުރެ 7.4 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ.
މަޖިލީހުން މިއަދު ބަޖެޓް ފާސްކޮށްފައި ވަނީ 74 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންނެވެ.
ބަޖެޓު ދިރާސާ ކުރުމުގެ މަރުހަލާ ކުރިއަށް ދިޔައިރު، ބަޖެޓު ކޮމެޓީން ވަނީ ކުދިކުދި އިސްލާހުތައް ގެނެސްފަ އެވެ. ނަމަވެސް އޭގެ ސަބަބުން ސަރުކާރުން ހުށަހެޅި ނަންބަރަކަށް ބަދަލެއް ނާދެ އެވެ.
ބަޖެޓު ދިރާސާކޮށްފައި ވަނީ އޮޑިޓާ ޖެނެރަލް، ގަވަރުނަރު އަދި ފިނޭންސް މިނިސްޓްރީ އާއި މިނިވަން މުވައްސަސާތަކާ ވެސް ބައްދަލުކޮށް، މައުލޫމާތު ސާފުކޮށްގެންނެވެ.

