މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން އެމީހާއާ އެކު އުޅުނު 9 މީހެއްގެ ފޯނު ހިފަހައްޓައިފި އެވެ.
ހެންވޭރުގައި ހުންނަ ފެންޓޯނިއާ ގެއިން، މީޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނީ ޔުމްނު ރަޝީދު (21އ) އެވެ. އޭނާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާއިރު އިތުރު ފަރުވާއަށް މެލޭޝިޔާއަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ފޯނު ހިފެހެއްޓުމުގެ އަމުރު ނަގާފައިވާ އެންމެންގެ ފޯނު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެ އެއީ ޖުމުލަ 9 މީހެއްގެ ފޯނު ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންގެ ތެރެއިން 8 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، ޔުމްނުއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލް ވަނީ ހައްޔަރުކޮށްފަ އެވެ.
ޔުމްނު ވެއްޓުނު ކަމަށް ރައުދު ލަފާކުރި، ހަމަނުޖެހުންތަކެއް ހިނގި!
އިމާރާތުން ޒުވާނާ ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ.