
އަންހެނުން ވިޔަފާރީގެ ތެރެއިން ނެރެން ދޫކުރާ ލޯނަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން(އެސްޑީއެފްސީ)އިން ދޭ އެ ލޯނަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެ ކޯޕަރޭޝަންގެ ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅޭނެ އެވެ.
އެ ލޯން ސްކީމުގެ ދަށުން 25،000 އިން ފެށިގެން 250،000 ރުފިޔާއަށް ލޯނު ދޫކުރާނެ ކަމަށް އެސްޑީއެފްސީއިން ބުންޏެވެ. އަދި ލޯނު ދައްކަން ފަށަން އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭއިރު ލޯނު އެއްކޮށް ދައްކަން ހަތް އަހަރު ލިބޭނެ އެވެ.
އެ ލޯނަކީ އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ދޫކުރާ ލޯނެއް ކަމަށް ވެސް އެސްޑީއެފްސީއިން ބުންޏެވެ.
އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ މިއީ އަންހެނުން ބާރުވެރިކޮށް ވިޔަފާރީގެ ދާއިރާއަށް ނެރެ ދެމެހެއްޓެނި އިގުތިސާދީ ތަރައްގީއާ ދިމާލަށް ދިއުމަށް ފެށި ސްކީމެއް ކަމަށެވެ.
އަދި ވިޔަފާރީގެ ދާއިރާއަށް ގިނަ އަދަދެއްގެ އަންހެނުން ވަންނަތައް ދެކެން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

