
އަންހެނުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ، އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅު ދުވަހާ ގުޅިގެން ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކު ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިކުރުމަށް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.
އަދި، އެންމެންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދޭ މުޖުތަމައުއެއް ބިނާ ކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިދުވަހުގެ ތީމް އަކީ ޑިޖިޓަލް ވަޔަލެންސުން އަންހެނުން ރައްކާތެރި ކުރުމެވެ. އެހެންވެ، ރައީސްގެ ޕޯސްޓުގައި އެކަމަށް ވެސް އަލިއަޅުއްވާލައިފައިވެ އެވެ.
އެގޮތުން ވިދާޅުވީ، ޓެކްނޮލޮޖީއާ ވަރަށް ބޮޑަށް އަަހަރެމެންގެ ދިރިއުޅުން ގުޅިފައިވާއިރު، އޮންލައިންކޮށް ފުރައްސާރަ ކުރުމާއި، ނަހަމަ ގޮތުގައި އޭގެ ބޭނުން ކުރުން އިތުރުވަމުންދާ ކަމަށެވެ.
ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކުގެ ބޭނުން ހިފައި، އަންހެނުން ބާރުވެރިކޮށް، އެމީހުންގެ ކުރިއެރުމާއި ގައުމުގެ ކުރިއެރުމަށް ވެސް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ވަނީ ގޮވާލައްވައިފަ އެވެ.

