
އަނބިމީހާ ނުވަތަ ފިރިމީހާގެ ގޯއްޗެއް އޮތަސް، ދެން ބޯހިޔާވަހިކަމަށް ހުޅުވާލާއިރު ކުރިމަތިލެވޭ ގޮތަށް ކެޓެގަރީއެއް އިތުރު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ޕްރޮގްރާމް، “ބޯހިޔާވަހިކަން އެންމެންނަށް”ގެ ދަށުން ފްލެޓާއި ގޯއްޗަށް ހުޅުވައިލީ މިދިޔަ މަހުގެ 18ވަނަ ދުވަހުއެވެ. އެކަމަށް އެކުލަވައިލި އުސޫލުގެ ދަށުން، އަނބިމީހާ ނުވަތަ ފިރިމީހާގެ ގޯއްޗެއް އޮތްނަމަ، ކުރިމައްޗެއް ނުލެވޭނެއެވެ.
މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ގޯތި ގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށް ފަހިކޮށްދެއްވާނެ ކަމަށެވެ. އެހެންކަމުން، ވަކި ގެޓެގަރީއެއްގެ ގޮތުގައި ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާަހިކަމެއް އޮތަސް، ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެއިތުރުން، ކުރީ ސަރުކާރުން 2022ވަނަ އަހަރު ހުޅުވައިލި ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓްކޮށް ގޯތި ލިބުނު ފަރާތްތަކަށް، ޖޮއިންޓްކޮށް ގޯތި ލިބުނު ހުރިހާ ފަރާތްތަކުން އެ ގޯތި އެއްކޮށް ދޫކޮށް އެއްބަސްވާނަމަ، ޖޮއިންޓް ލިބުނު ކޮންމެ މީހަކަށް ވަކިން ގޯއްޗެއް ލިބޭ ގޮތަށް ވަކި ގެޓެގަރީއެއް ހުޅުވާލަން ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު ރަސްމާލޭން ދޫކުރަން ހުޅުވާލާފައިވާ 15000ގޯތީގެ ތެރެއިން މި ދެ ކެޓެގަރީއން ކޮންމެ ކެޓެގަރީއަކަށް 1000ގޯތި ކަނޑައަޅާނެ ކަމަށެވެ. އަދި މިއަހަރު އޭޕްރީލް މަހުގެ ނިޔަލަށް ރަސްމާލޭގެ ބިން ހިއްކައި ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

