މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭން ބޭރުން ދެ ހާހަށް ވުރެ ގިނަ ދޫނި އެތެރެކުރިއިރު، އެއް ޝިޕްމެންޓް ހިފެހެއްޓި ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފި އެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ދޫނީގެ 13 ޝިޕްމެންޓް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. އެއީ 2،105 ދޫނި ކަމަށެެވެ.
އެ ތަކެތީގެ ތެރެއިން ގަވާއިދާއި އުސޫލުތަކާ ހިލާފަށް އެތެރެކުރީ ފަސް ދޫނި ހިމެނޭ އެންމެ ޝިޕްމެންޓެއް ކަމަށެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނި ގޮތުގައި މިފަހަކަށް އައިސް ރާއްޖޭގައި ތަފާތު ބާވަތްތަކުގެ ދޫނީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ ކަމުގަ އެވެ. އޭގެ އިތުރުން ގިނަ ބަޔަކު ޕެޓްގެ ގޮތުގައި ވެސް ތަފާތު ބާވަތްތަކުގެ ދޫނި ގެންގުޅޭ ކަމުގަ އެވެ. އެ ހުރިހާ ދޫންޏަކީ ވެސް ރާއްޖެއިން ބޭރުން އެތެރެކުރާ ބާވަަތްތައް ކަމުގައި ފާހަގަކުރި އެވެ.
މިގޮތަށް ދޫނި އެތެރެކުރާއިރު، އަމަލު ކުރަން ޖެހޭ ވަކި ގަވާއިދާއި އުސޫލުތަކެއްވާ ކަމުގަ އެވެ. އެެހެންނަމަވެސް ބައެއް ފަރާތްތަކުން ގަވާއިދާއި އުސޫލުތަކާ ހިލާފަށް ދޫނި އެތެރެކުރާކަން ފާހަގަކުރެވިފައިވާ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުންޏެވެ.