
މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް، އެ ޕާޓީ އަލުން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި އެވެ.
އެމްއެލްއެސްޑީޕީ އަކީ 2018 ވަނަ އަހަރު، ގާނޫނީ ވަކީލް އަބްދުﷲ ހަސީން ުފެއްދެވި ސިޔާސީ ޕާޓީއެކެވެ. އެ ޕާޓީގައި 3،000 މެންބަރުން ހަމަނުވާތީ ޕާޓީ އުވާލިކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނު ކުރީ މާޗު 15، 2023 ގަ އެވެ.
އީސީއިން އޭރު ބުނެފައި ވަނީ އެމްއެލްއެސްޑީޕީ އުވާލީ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި، އެ އަދަދަށް މެންބަރުން ހަމަކޮށްފައި ނުވާތީ ކަމަށެވެ.
އެހެންކަމުން، އީސީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ވަނީ ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން އެ ޕާޓީ އަލުން އިއާދަކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެ ޕާޓީ އަލުން ހިމަނާފައިވާ ކަމަށެވެ.

