
ކޯޑިން ދާއިރާއަށް ޝައުގުވެރިވާ 85 ޒުވާނުންނާއެކު ޔޫތު ހެކަތޯން ފަށައިފިއެވެ.
ކޯޑިން ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޔޫތު ހެކް (ޓެކް ފެއަރ) 2025 ފެށީ އިއްޔެއެވެ.
މިއީ ތިން ދުވަހަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. މެދުނުކެނޑި 48ގަޑި އިރަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ޓީމްތަކުން، ތަފާތު ހަތަރު ތީމެއް ޓިކް އޭރިއާއަށް ޕިޗް ނުވަތަ ހުށަހެޅުންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި، ބައިވެރިންގެ ހުށަހެޅުންތަކުން ޓެކްނޮލޮޖީގެ އެހީގައި މުޖުތަމައުގައި މިވަގުތު ހުރި މައްސަލަތަކަށް ހައްލު ހޯދުމަށާއި މުޖުތަމައަށް ފައިދާ ކުރަނިވި އާ އުފެއްދުންތައް ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެވުޒާރާއިން ބުނެއެވެ.
ބައިވެރިންގެ ހުށައެޅުންތަކުގެ ތެރެއިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 1 ވަނައަށް ހޮވޭ ފަރާތަކަށް 1 ލައްކަ ރުފިޔާ، 2 ވަނައަށް ހޮވޭ ފަރާތަކަށް 75،000 ރުފިޔާ އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު އަދި ސްޕޮންސަރގެ ފަރާތުން ހަދިޔާކުރާ އިނާމްތައް ލިބޭނެއެވެ.

