
ކޮވިޑްގެ ދުވަސްވަރު ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުންޏެއްގެ މަސްލަހަތު އޮންނަ ދެ ޑޮކްޓަރަކަށާއި އެ ދެ ކުންފުންޏަށް ދައުވާކޮށްފިއެވެ.
ޕީސީއާރު ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު މި ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ދެ ކުންފުޏަކީ ޕައިނިއާ މޯލްޑިވްސް އާއި އިއިލެންޑް ހެލްތު އިންޝުއަރެންސްއެވެ. ނަމަވެސް އެ ދެ ކުންފުނިން ވެސް އިންކަމް ޓެކްސް ހުށަހެޅިއިރު ދަށްކޮށް ޓެކްސް ހުށަހެޅި މައްސަލަ ފާހަގަވެގެން މީރާއިން ވަނީ އެ މައްސަލަ ތަހުގީގުކޮށްފައެވެ.
މީރާއިންވަނީ އެ މައްސަލަ ތަހުގީގުކޮށް އެ ދެ ކުންފުނީގެ އިތުރުން އެ ދެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޑރ. އިކްލީލް ޝަރީފާއި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ޑިރެކްޓަރު ޑރ. އަލީ އަބްދުﷲ ލަތީފުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާފައެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ މި މައްސަލައިގައި އެ ފަރާތްތަކަށް ދައުވާކޮށްދިނުމަށް އެދި އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގައި ޑރ. ލަތީފަށް ކުރަނީ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ 3 ދައުވާއެވެ. އަދި ޑރ. އިކްލީލާއި އެ ދެ ކުންފުނީގެ ޓެކްސް ބަޔާންތައް ހުށަހެޅުމުގެ ޒިންމާ އޮންނަ އދ. މާމިގިލި، ބޯވެލި، އަލީ ފަޔާޒްގެ މައްޗަށް ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ 5 ދައުވާ ވަނީ އުފުލައިފައެވެ.
އަދި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ 3 ދައުވާއެއް އައިލެންޑް ހެލްތު އިންޝުއަރެންސްގެ މައްޗަށް އުފުލާފައިވާއިރު، އޭގެ 2 ދައުވާ ޕައިނިއާ މޯލްޑިވްސްގެ މައްޗަށް އުފުލާފައިވެއެވެ. އޭގެއިތުރުން އެ އެ ކުންފުނީގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާވެސް ވަނީ އުފުލައިފައެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ދައުވާ ލިބޭ ކުންފުނިތަކުން މީރާއަށް 20.2 މިލިއަން ރުފިޔާ ދެއްކުމުން އެއްކިބާވެފައިވާ ކަމަށެވެ. އެހެންކަމުން މި ކުންފުނިތަކުގެ މައްޗަށް ދައުވާތައް ސާބިތުވެއްޖެނަމަ، ޓެކްސް ދެއްކުމުން އެއްކިބާވި އަދަދުގެ ދެ ގުނައަށްވާ 40.4 މިލިއަން ރުފިޔާގެ ޖޫރިމަނާގެ އަދަބެއް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އަދި 2 ޑޮކްޓަރުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، ގާނޫނުގައި އޮތް އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށް އެދޭނެ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

