ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް މަސައްކަތްކުރުމުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފަލަސްތީނުގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފި އެވެ.
އެ ފަހުމުނާމާގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް އެވެ. އަދި ފަލަސްތީނުގެ އޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ޗެއާމަން ޑރ. ރާއިދު މަހުމޫދު ރަދުވާން އެވެ. އެ ފަހުމުނާމާގައި ސޮއިކުރެވުނީ “ސަޢޫދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ 2025” ގެ ތެރެއިންނެވެ.
އެ އެއްބަސްވުމުގެ ދަށުން ދެ ކޮމިޝަނުން އެކުގައި މަސައްކަތްކުރާނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް އެއްބާރުލުންދިނުމާއި، މަޢުލޫމާތާއި ތަޖުރިބާ އަދި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމާއި، ތަމްރީނު ޕްރޮގްރާމްތަކާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، އަދި ދެ ފަރާތުން އިންތިޒާމުކުރާ ހަރަކާތްތަކުގައި ބައިވެރިވުން ހިމެނޭ ކަމަށް އޭސީސީން ބުންޏެވެ.