ކޮންޓެންޓް ކްރިއޭޓަރުންނަށް މި ސަރުކާރުން ދޫކުރަން ނިންމި ލޯނަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ކޮންޓެންޓް ކްރިއޭޓަރުންނަށް ލުއި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ.
އެ ފުރުސަތު ހުޅުވާލިން ހާމަކޮށް އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން(އެސްޑީއެފްސީ)އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ 25،000އިން ފެށިގެން 500،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ ކަމަށެވެ. އެއީ ރަހުނަކާ ނުލައެވެ.
ފަސް އަހަރުގެ ތެރޭގައި އެ ލޯނު ދައްކަން ޖެހޭ އިރު ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ހަ މަސް ދުވަސް ލިބޭނެކަމަށް ވެސް އެސްޑީއެފްސީއިން ބުންޏެވެ.
އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށް އެ ލޯނަށް މިހާރު އެދެވޭނެ އެވެ.
Introducing Content Creator Financing, a Shariah-compliant facility.
Supporting the Growth in the Creative Economy Sector.Apply Now : https://t.co/PWIg72dEnQ pic.twitter.com/sNOT2FSpyJ
— SME Development Finance Corporation (@SDFC_mv) September 28, 2025
ރައީސް މުއިއްޒު މި މަހުގެ 14 ވަނަ ދުވަހު ވިދާޅުވީ އެ ލޯނުގެ ފުރުސަަތު ހުޅުވާލަނީ މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ހާއްސަ ކޮންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭގޮތަށް ކަމަށެވެ.
އެ ލޯން ސްކީމް ގެ މަގުސަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ފަހަކަށް އައިސް ކޮންޓެންޓް ކްރިއޭޓަރުން އިތުރުވެފައިވާ އިރު ގިނަ ކޮންޓެންޓް ކްރިއޭޓަރުން ހަރަކާތްތެރިވަނީ ޓިކްޓޮކުގަ އެވެ.